ދޫކޮށްލީ ނިއު ނޯމަލްއަކަށް، ދިޔައީ ނޯމަލްއަކަށް

ރެންޑަމް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ބޭފުޅުން ހަރަކާތްތެރިވަނީ: ފޮޓޯ / ހަތާވީސް

42 ދުވަހުގެ ލޮކްޑައުނަކަށްފަހު، އެންގީ ގައިދުރުކޮށްގެން އުޅުމަށެވެ. މާސް އެޅުމަށެވެ. އަތް ދޮވުމަށެވެ. ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށެވެ. ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. ދިން ލުޔާ އެކު، މަގުތައް ތޮއްޖެހުނެއެވެ. ބާޒާރުތައް ފުނިޖެހުނެވެ. ކިއުގައި ތިބޭއިރު ހުއްޓި ހުންނަން އަންގައި، ގައިދުރުކަން އަންގައިދިނުމަށް މަގުމަތީގައި ކުރެހި ބޮޅުތަކަށް މީހުން ސަމާލުކަމެއް ނުދެއެވެ. ނިއު ނޯމަލްގައި އުޅެން އެންގުމުން، އުޅުނީ ކުރިން ވެސް އުޅުނު އާންމު ދިރިއުޅުމުގައެވެ.

ނިއު ނޯމަލްގައި އުޅެން އަންގައި މިހާތަނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 25 ގަޑިޑްލައިން ނެރެފައި އެބަ އޮތެވެ. އެ އުސޫލަށް ތަބާނުވާތީ ބައެއް މީހުންނާއި ވިޔަފާރި ކުރާ ތަންތަން އެ ދަނީ ޖޫރިމަނާ ކުރަމުންނެވެ. އެޗްޕީއޭގެ އެންގުންތަކަށް ތަބާ ނުވާތީ ރާއްޖޭގައި ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 24 ގަޑިއިރުގެ ތެރޭގައި އެތައް ބަޔަކަށް މި ބަލި އަންނަނީ ޖެހެމުންނެވެ.

މިއަދާއި ހަމައަށްވެސް ވެކްސިނެއް ހޯދިފައި ނުވާ މި ބަލި ރާއްޖެ އައި ނަމަވެސް އޭރު އެހާ ބޮޑަކަށް މުޖުތަމައުގެ ތެރޭގައި ބަލި ނުފެތުރޭތީ އާއްމު ރައްޔިތުން އެމީހުންގެ އާއްމު ދިރިއުޅުމުގައި ދިޔައީ އުޅެމުންނެވެ. ފުރަ މާލެ ފުރަބަންދަކަށް ގެންދަން ޖެހުމާއި ހަމައަށް ވެސް ދިވެހިން ހެއެއް ނޭރިއެވެ. ފުރަބަންދު ނިމުނުއިރު 2000އެއްހާ މީހަކަށް ބަލި ޖެހިގެން ދިޔައިރުވެސް އަދިވެސް ދިވެހިން ހޭ އަރާކަށް ނޫޅެއެވެ.

މީގެކުރިން ހީވެފައި އޮތީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދިރިއުޅެމުން އަންނަ ތޮއްޖެހިފައިވާ ތަންތަން ބަލާ ފާސްކޮށް އެ މީހުން އެތަންތަނުން ނެރުމުން ވެރިރަށް މާލެއިން ބަލި ޖެހުން ކޮންޓްރޯލްވާނެ ކަމަށެވެ. އޭރު ސަރުކާރު އޮތީ މި ބައްޔަށް ފިޔަވަޅުތައް އަޅާފައެވެ. ލޮކްޑައުންކޮށް ވަކި ވަގުތެއްގައި ވަކި ހުއްދަތަކެއް ނަގައިގެން ނޫނީ ބޭރަށްވެސް ނުނިކުމެވެއެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެ އާއްމުންނަށް ބޭރަށް ނިކުމެވޭނެ އިންތިޒާމުތައް ހަމަޖައްސައި އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ސައި ހޮޓާތައް ހުޅުވާލުމުގެ ހުއްދަ ދީފިއެވެ.

މީގެކުރިން 40 ނުވަތަ 50 މީހުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވި ރާއްޖެއިން މިހާރު އަންނަނީ 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވަމުންނެވެ. އިއްޔެ އެކަނިވެސް 215 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ. މިއީ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވާކަމުގެ ފުރިހަމަ ނިޝާނެކެވެ. މިކަމުގެ ނުރައްކާތެރިކަން ބޮޑުވެގެންދާ ކަމުގެ އަލިގަދަ ހެއްކަކީ ގިނަ ދިވެހިންނަށް ބަލި ޖެހުމުން އަންނައިރު އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކު މީހުނަށް ބަލި ޖެހުމުގެ ފުރުސަތު އިހުނަށްވުރެ ބޮޑުވުމެވެ. އަދި ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރާ މީހުންގެ އަދަދު ވެސް އިހުނަށްވުރެ ގިނަވުމެވެ.

ބަލީގެ ހާލަތު ގޯސްވެ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލީ ތިންމަސް ފަހުންނެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު އަސަރެއް މިވަނީ ކޮށްފައެވެ. އިގްތިސޯދަށް ކުރާ ކޮންމެ އަސަރަކީ އާއްމު މީހާގެ ޖީބަށް ވަންނަ ފައިސާ މަދުވެގެން ދާނެ ދިއުމެކެވެ. ހަފްތާއެއްހާ ދުވަސް ވެގެން ދިޔައިރުވެސް ރާއްޖެއަށް ހާހެއްހާ ފަތުރުވެރިންވެސް ނާދެއެވެ. މީގެކުރިން ދުވާލެއްގެ މައްޗަށް 6،000 އިން 7،000 އިން ފަތުރުވެރިން އަންނަމުން ދިޔަ ރާއްޖެ މިވަނީ އިގްތިސޯދީ ގޮތުންވެސް ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ރާއްޖެއަށް ފަތުރުވެރިން އައި ނަމަވެސް އަދިވެސް ގިނަ ގައުމުތަކުން ރާއްޖެއަކީ ކޮވިޑްގެ ނުރައްކާތެރިކަން އޮތް ގައުމެއްގެ ގޮތުގައި އަންނަނީ ލޭބަލް ކުރަމުންނެވެ. އެކަމުގެ ސަބަބުންވެސް ސަރުކާރުން ކުރަންޖެހިފައިވާ މަސައްކަތް އިންތިހާއަށް ބޮޑެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޖަމްޝީދު  ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ސަރުކާރާ އެއް މިންވަރަކަށް ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އުޅުމާއި ދިރިއުޅުމުގެ އާންމު އާދަކާދަތައް އެސެސްކޮށް، އަޅުގަނޑުމެން ކޮންމެ މީހަކަށް އޮންނަ ދައުރު އަދާކޮށް، ބަލި ފެތުރެމުންދާ މިންވަރު ހިފަހައްޓަން މަސައްކަތް ކުރަންވީ،" ޖަމްޝީދު ވިދާޅުވިއެވެ.

ޖަމްޝީދު ވިދާޅުވި ފަދައިން ސަރުކާރުން މިކަމުގައި ކިތަންމެ ހަރުކަށި އުސޫލުތަކެއް ނެރެވިދާނެއެވެ. ނަމަވެސް އެކަންކަމަށް އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށްވާ ނަމަ މިކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ. ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްވާކަން ހަނދާންކޮށް ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބާ ކަމަށްވާ ނަމަ މިއަދު މިދެކޭ ކަޅު ދުވަސްތައް ދިވެހިންނެއް ނުދެކޭނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *