ޕޮލިސް ލޯންޗުގައި ރޯކުރި މައްސަލައިގެ ހެކި ނައްތާލި މީހަކު ޖަލަށްލާން ހުކުމްކޮށްފި

ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމް ---

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ހެކި ނައްތާލި މީހަކު ޖަލަށް ލުމަށް ހުކުކް ކޮށްފިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގެ ހެކި ނައްތާލާފައި ވާތީ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އަބްދުއްލަތީފް އިބްރާހީމް އިއުތިރާފްވެފައިވާތީ އޭނާ 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ގަމު މެޖިސްޓްރޭޓު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަބްދުއް ލަތީފް އިބްރާހީމް ދިރިއުޅޭ ގެ ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފެނުނު ހާޑް ޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހުތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އެ މައްސަލާގައި އަބްދުއްލަތީފް އިބްރާހީމްގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ އެރަށު ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެވެ.

މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ދައުވާ ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދެމީހުންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާމީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ 29 ޖުލައި 2020 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *