ކަށުނަމާދުގެ ޖަމާއަތުގައި ދުރުމިން ބެހެއްޓުމަށް އަންގައިފި

އިސްލާމީ މަރުކަޒުގައި މީގެކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

މިދުވަސްވަރު ކަށުނަމާދުގެ ޖަމާއަތް ހަދާއިރު ދެމީހުންގެ ދޭތެރޭގައި ހުސް ޖާގަ ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކަށުކަމާ ކެމީގެ ކަންކަން ކުރުމާއި ކަށުނަމާދު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާފައެވެ.

މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، މަސްޖިދުއް ތަޢާވުން ނުވަތަ އާސަހަރާ މިސްކިތުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުތަކުގެ ޖަމާއަތްތަކާއި ދިމާނުވާ ގޮތަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މައްޔިތާ ސަހަރާއަށް ގެންދިއުމާއި އެކު ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ކުރަންވާނެ ކަމަށާއި އެކަމަށް މައްޔިތާގެ އާއިލާގެ ފަރާތުންވެސް ބޮޑު އިސްކަމެއް ދޭންވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ހިނަވާ ގޭގައި މައްޔިތާ އެންމެ ގިނައިރުވަންދެން ވެސް ބޭއްވޭނީ ތިން ގަޑިއިރުވަންދެނެވެ. ޖަނާޒާގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުން ހިނަވާގޭގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވާއިރު އިސްލާމިކް މިނިސްޓްރީން މިފަދައިން އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ. އަދި މިހާރުވެސް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަރުޟު ނަމާދު ކުރަމުން އަންނައިރު ގައިދުރުކަމެއް ނުބަހައްޓައެވެ.

Leave a Reply

Your email address will not be published. Required fields are marked *