މެންބަރު އުޝާމް ޓްވީޓު ކުރައްވަނީ ތަންދޮރު ބަލާނުލާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު --

ގައުމުގައި ހިނގާ ހުރިހާ ކަމަކާ ރައްޔިތުންގެ މަޖިލީހުން ބެހެން އުޅެންޏާ ބައެއް ފަހަރު ކޮސްވެސް ގޮވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދާދިފަހުން ވިދާޅުވި ވާހަކަފުޅާއި ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްދު ދެއްވައިފިއެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު އުޝާމް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހިންގާ ޑިއުޓީ ފްރީ ފިހާރަތައް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ނުވަދެ، ވިޔަފާރީގެ އުސޫލުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އެމްއޭސީއެލް އަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންގާފައިވާ ކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާލުވެފައެވެ.

ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުންނަ "ދޮވެމި އެރައިވަލް ޝޮޕް" އަކީ ޑިއުޓީ ފްރީ މުދާ ވިއްކާ ފިހާރައެއް ނޫން ކަމަށެވެ. އެތަނުގަ ވިއްކާ މުދަލަކީ ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ނެރެފައި ހުންނަ މުދާ ކަމަށާއި އެތަނުން ވިއްކާ މުދަލަށް ޖީއެސްޓީ ވެސް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމުގަ ހިނގާ ހުރިހާ ކަމަކާ ބެހެން އުޅެންޏާ ބައެއްފަހަރަށް ކޮސް ވެސް ގޮވޭނެ،" އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވާ އިލްޔާސް ލަބީބު މިދިޔަ މަހުގެ 30ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީއަކުން އެމްއޭސީއެލް އަށް އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.

"މެމްބަރަކަށްވެ ހުންނަވައި، ތަންކޮޅެއް ތަންދޮރު ބައްލަވާފައި ޓްވީޓްކުރެެއްވުން ބުއްދިވެރި،" އިލްޔާސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެސްއޯއީ ކޮމެޓީން ވަނީ ދޮވެމި ފިހަރާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ފިހަރާއަކަށްވާތީ ފިހާރައިގެ މަގުސަދު ނުގެއްލޭ ގޮތަށް ވިޔަފާރިތައް ކުރިޔަށް ގެންދިއުމަށް އެދިފައެވެ. އަދި އެ ފިހާރައިން މާލެ ސަރަހައްދަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ކޮމެޓީއަށް ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.