މާސްކު ނަގައިގެން މަގުމަތީ ސިނގިރޭޓު ބުއިމަކީ މަނާ ކަމެއް!

ބޮޑުތަކުރުފާނު މަގުގައި މާސްކު ތިރިކޮށްގެން މީހަކު ކަސްރަތު ކުރުމަށް ދުވަނީ -- ކަސްރަތު ކުރާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން: ފޮޓޯ / ޕީއެސްއެމް ނިއުސް

މާސްކު އެޅުން މަޖުބޫރުކޮށް މިއަދު އެ އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު މަގުމަތީގައި ސިނގިރޭޓު ބުއިމަށްވެސް މާސްކު ނެގުމަކީ މަނާ ކަމެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކު އެޅުމަކީ މިހާރު މަޖުބޫރު ކޮށްފައިވާ ކަމެއް ކަމަށާއި ސިނގިރޭޓު ބުއިމަށް ވެސް މާސްކު ތިރި ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"މަގުމަތީ މާސްކު އަޅައިގެން އުޅެންޖޭކަމަށް ވަންޏާ އޮޓެމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކޮށް ނުތިބެވޭނެއޭ މާސްކު ތިރިކޮށްގެން،" ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ

ފުލުހުން މިއަދު ވަނީ މާސްކު ނާޅާ އުޅުނު 116 މީހަކަށް ނަސޭހަތް ދީފައެވެ. އަދި ތަކުރާރުކޮށް ނަސޭހަތް ދިން ހަތަރު މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މިކަމުގައި ޖޫރިމަނާ ކުރާނީ 1،000 ރުފިޔާއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *