މާސްކު ނާޅާ އުޅުނު 116 މީހަކަށް ނަސޭހަތްދީ، ހަތަރު މީހަކު ޖޫރިމަނާކޮށްފި

މާލޭގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން: ފޮޓޯ / ރާއްޖެ އެމްވީ

މާސްކު އެޅުން މަޖުބޫރުކޮށް މިއަދު އެ އުސޫލަށް އަމަލުކުރަން ފެށި ފަހުން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކް ނާޅާއި އުޅުން 116 މީހަކު ފާހަގަކުރެވި އެމީހުންނަށް ފުލުހުން ނަސޭހަތްތެރިވި ކަމަށެވެ. އަދި ޖޫރިމަނާކޮށްފައިވާ ހަތަރު މީހުންނަކީ ދެވަނަ ފަހަރަށް ދިނުމުން ވެސް މާސްކު އަޅާފައިނުވާ ހަތަރު މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އާއްމު ތަންތަނުގައި އުޅޭ މީހުން 1،000 ރުފިޔާއަށް ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.

މީގެއިތުރުން ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން 40 ތަނެއް ބަންދުކޮށްފައިވާނެ ކަމަށެވެ.

މިއަދުވެސް ރާއްޖެއިން ވަނީ 156 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝް 20 މީހަކާއި އިންޑިއާ އަދި ލަންކާ ރައްޔިތެކެވެ. މިއަދުވެސް މާލެ ސަރަހައްދު ފިޔަވާ އިތުރު ދެ ރަށަކުން ވެސް ވަނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published.