މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރުވާނެ، ނޫނީ ޖޫރިމަނާ ކުރާނެ!

މީހަކު މާސްކު އަޅައިގެން: ފޮޓޯ / މިހާރު

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ މަގުތަކަށް މާސްކު ނާޅާ ނިކުންނަ ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅަން ފަށާނެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މަގުމަތީގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ފެށިގެން މާސްކް ނާޅައި އާއްމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުުހުން ބުނީ މިއަދުން ފެށިގެން އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޭޝަނަލް ޓާސްކް ފޯސްއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ނިންމީ އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުވުމަށެވެ. އަދި އެގޮތަށް ނިންމީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *