ދިއްދޫގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ހއ. ދިއްދޫ ---

މިއަދުގެ ފަތިސް ނަމާދުން ފެެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ހއ.ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.

ދިއްދޫ ކައުންސިލުން އެގޮތަށް ނިންމީ ސަވާރީ ބޯޓު ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ. ދިއްދޫ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ބުނީ މި ނިންމުން ނިންމީ ހއ.ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިން ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓުގެ ފަޅުވެރިންނައި ދިއްދޫގެ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާތީ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިއްޔެ އިން ފެށިގެން ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެބޯޓުގެ ފަޅުވެރިއަކާ ދިމާވެފައިވާ ފަރާތްތަކުން އެކަން އެންގުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

މީގެއިތުރުން މޮނީޓަރިންގެ ހާލަތުގައި ގެއިން ބޭރަށް ދާއިރު މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަކަށާއި ޒަރޫރީ ބޭނުމެއްގައި މެނުވީ ކުޑަކުދިންނައި، ދުވަސްވީ މީހުން ގެއިން ނުނިކުތުމަށާއި، އެއްވުންތަކާއި، ކުޅިވަރުގެ ހަރަކާތްތައް ނުބޭއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ފިނިމައިޒާންތަކާއި ޖޯލިފަތިތަކަށް އެއްވެ ނުތިބުމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

ސަވާރީ ބޯޓު ކޭސްއާ ގުޅިގެން ހއ. ކެލާއިން ވަނީ 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކެލާ އިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ. އެއީ އެރަށާއި މާލެއާ ދޭތެރޭ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވުމުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ.

އެގޮތުން އެ ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ސާމްޕަލް ނެގިއިރު އެ ބޯޓުގައި މަސައްކަތް ކުރާ އަށް މީހަކާއި އެ ބޯޓުގައި ދަތުރު ކުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *