ދެ އީދުވެސް ރަށު ބަންދުގައި، އަދިވެސް ކޮޅެއް މެދެއް ނުފެނޭ!

ހަލަބޮލި މާލެ ސިޓީގެ މަގެއްގެ މަތި ހަމަހިމޭންވެފައި: ފޮޓޯ / ސަން

މީގެކުރިން އީދެއް އަންނަންވާއިރަށް ހުރިހާ އެންމެން ވެސް ބަލަނީ އެންމެ ފޯރިގަދަކޮށް ކުޅިވަރު އޮތީ ކޮން ރަށެއްގައިތޯއެވެ. ބައެއް މީހުން އެމީހުންގެ ރަށުގައި އީދު މަޖާ ނެގުމަށް ފުރަ ފުރައިގެން ދެއެވެ. އަނެއް ބަޔަކު އީދު އައުމުގެ ދެތިން ދުވަސް ކުރިން ހުންނާނީ އެމީހަކު އީދުގައި ދާން ބޭނުންވާ މަންޒިލަކަށް ގޮހެވެ. އީދު ދުވަހު މާލޭގެ ބަނދަރު މައްޗަށް ނިކުންނަ ބަޔަކަށް މާލޭގެ ބަނދަރު މަތިން ފަޅުކަން އިހުސާސް ކުރެވޭނެއެވެ. ހަލަބޮލި މާލޭގެ މަގުތަކުގެ ހަމަހިމޭންކަން އެނގިގެން ދާނެއެވެ.

ނަމަވެސް އެއީ މާޒީއެވެ. މިއަހަރުގެ ފިތުރު އީދާއި އަޟްހާ އީދު ފާހަގަ ކުރަން މި ޖެހުނީ ރަށު ބަންދުގައި ތިބެގެންނެވެ. އަޟްހާ އީދުގައި ކޮންމެވެސް ވަރަކަށް މަގުތަކަށް ނިކުމެ އުޅެވުނު ނަމަވެސް ރަށުން ބޭރަށް ދެވޭކަށް ނެތެވެ. އެއަށްވުރެ އަޅުގަނޑުމެންގެ ގައުމު މިއޮތީ ބިރުވެރި ފައްތަރެއްގައެވެ. ކޮވިޑް19 ގެ ސަބަބުން މުޅި ގައުމު ހާސްކޮށްލައިފިއެވެ. އުފާތަކުން މަހުރޫމުވެ އާއިލާގެ ރައްކާތެރިކަމަށްޓަކައި އެންމެވެސް ރަނގަޅު ގޮތަކީ ގޭގައި މަޑު ކުރުމެވެ. ނުވަތަ އެބަޔަކު ތިބި ރަށެއްގައި މަޑު ކުރުމެވެ. މި ބަލީގެ ބިރުވެރިކަމަކީ އަދިވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވުމެވެ. ދުވަހެއް ދުވަހަކަށް ބަލީގެ ނުރައްކާތެރިކަން އަންނަނީ ބޮޑުވަމުންނެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހަން އެބަޖެހެއެވެ.

އީދު ދުވަހެއްގައި ލިބެންޖެހޭ އެއްވެސް ހިތްހަމަޖެހުމެއް މި ނުރައްކާތެރި ބަލީގެ ސަބަބުން ލިބެމުންނެއް ނުދާނެއެވެ. އެންމެ ފުރަތަމަ އީދު ދުވަހު ކުރާ ބޮޑު ޖަމާއަތުގެ ނަމާދުވެސް މިވަނީ މި ބަލީގެ ނުރައްކާތެރިކަމުން ކެންސަލްކޮށްލާފައެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައިވެސް ބޮޑު ޖަމާއަތުގެ އީދު ނިންމާލުމަށްފަހު އެންމެން އެކުވެ އެއްތަނެއްގައި ތިބެ ހެނދުނުގެ ސައިބޮއެވެ. ނަމަވެސް ހާލަތު ނިޔާކޮށްފައި އޮތް ގޮތުން ސިއްހީ މާހިރުން ލަފާ ދީފައިވަނީ ކޮވިޑް ނެތް ރަށްރަށުގައިވެސް އެފަދަ ކަންކަން ނުކުރުމަށެވެ.

ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު ނިކަމެތި ކަމެއް ލިބިގެންދާ ބަޔަކަށް ތުއްތު ކުދިން ވެގެންދާނެއެވެ. އަބަދުވެސް ބަންދެއް އަތުވެއްޖެ ނަމަ މައިންބަފައިންނާއި އެކުގައި ކޮންމެވެސް ހިތްގައިމު މާހައުލެއްގައި ދުވެ މަޖާކޮށް އުފާ ކުރަމުން އަންނަ ތުއްތު ކުދިން ރަށު ބަންދުގައި ތިބޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިއަދު މި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑު ކެޓަގަރީގައި ތުއްތު ކުދިންވެސް ހިމެނެއެވެ. އެހެންކަމުން އެކުދިންގެ ސަލަމާތަށް ވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ގޭގައި މަޑުކުރުމެވެ. އެކުދިންނަށް ވިސްނައި ދެވެން އޮތް ރަނގަޅު ގޮތަކަށް މި ދުވަސްވަރަކީ ގެއިން ބޭރަށް ނުވަތަ ރަށުން ބޭރަށް ދިއުން އެންމެ ރަނގަޅު ދުވަސްވަރު ނޫންކަން މައިންބަފައިން ވިސްނައި ދޭންޖެހެއެވެ.

މިއަދު މި ނުރައްކާތެރި ބަލީގެ ސަބަބުން ދިވެހިންނަށް މަޖުބޫރުވެފައި މިވަނީ އީދު މަޖާވެސް އެބަޔަކު ތިބި ތަނެއްގައި ކުރުމަށެވެ. އަދި އެ މަޖާ ނެގުމުގައިވެސް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައިގެން ކަންކަން ކުރުމެވެ. އީދު ދުވަހު ރަށު ބަންދުގައި ތިބި ނަމަވެސް ތިމާގެ ކަމުގެ ގުޅުމާއި އަހުވަންތަ ކަމުގެ ގުޅުމުގެ މަތިން ހަނދާން އާ ކުރަންޖެހެއެވެ. އެހެންކަމުން ކިތަންމެ ދުރެއްގައި ތިބި ނަމަވެސް އާއިލާ މީހުންނަށް ގުޅާ އީދުގެ ތަހުނިޔާ ކިޔާ އީދުގެ އުފަލުގައި ބައިވެރިވާންވާނެއެވެ. އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި ފަގީރުންނާއި މިސްކީނުންނަށް ތިމާއަށް ވެދެވެން އޮތް އެހީތެރިކަމެއް މިފަދަ ހާލަތެއްގައި އަދި އަމުދުން ވާންވާނެއެވެ. މިފަދަ ހާލަތެއްގައި އެންމެނަށްވެސް އެކަކު އަނެކެއްގެ އެހީތެރިކަމާއި ނޫޅެވޭނެއެވެ. އެހެންކަމުން ރަށު ބަންދުގައި ހުރި ނަމަވެސް ތިމާމެންގެ ވާޖިބުތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

Leave a Reply

Your email address will not be published.