ތާހިރު ހަޔާތެއް ބިނާ ކުރެވޭނީ އުއްމަތް އެއްގަލަކަށް އަރައިގެން: އީދު ހުތުބާ

އިސްލާމީ މަރުކަރު-- ފޮޓޯ / މިހާރު

ތާހިރު ހަޔާތެއް ބިނާ ކުރެވޭނީ އުއްމަތް އެއްގަލަކަށް އަރައިގެން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.

އަޟްހާ އީދު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރެވިގެން ދިޔަ އީދު ނަމާދަށް ފަހު އިއްވި އީދު ހުތުބާގައި ވަނީ މި އީދުން ހަޔާތުގެ އައު ސޮފްހާއެއް ހުޅުވާލުމަށް ގޮވާލާފައެވެ. އެއީ ކިލަނބުވެފައިވާ އިޖުތިމާއީ ހާލަތު ބަދަލުކޮށް އުފާވެރި ތާހިރު ހަޔާތެއް ބިނާ ކުރުމަށްޓަކައި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އެކަން ހާސިލް ކުރެވޭނީ މުޅި ހަޔާތުގެ މަންހަޖަކީ އިސްލާމްދީން ކަމަށް ހަދައިގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ބައިބައިނުވެ އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށްޓަކައި އެކުވެރިވެ އެއްގަލަކަށް އަރައިގެންނެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ އެއްބައިވަންތަކަމެވެ. އެމީހުންނަށް ލިބިފައިވާ ނާކާމިޔާބީތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ ބައިބައިވުމެވެ،" ހުތުބާގައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އީދަކީ އެންމެހައި މުސްލިމުންނަށް އަންނަ އުފާވެރި މުނާސަބަތެއް ކަމަށެވެ. އެއީ ހުރިހާ ގިންތިތަކަކަށާއި ފަންތިއަކަށް ވެސް އަންނަ އުފާވެރި މުނާސަބަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މި އުފަލަކީ އުއްމަތުގެ އެއްވެސް ފަރުދެއް އެކަހެރި ނުކޮށް އެންމެން ޝާމިލުވާ ގޮތަށް އޮތް އުފަލެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އިސްލާމީ އީދުތަކުގައި އޮތީ އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އުފާފާޅު ކުރުމާއި މުނިފޫހިފިލުވުން ކަމަށާއި އެއީ ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުން ކަމަށްވެސް އީދު ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ކޮވިޑް19 ގެ ނުރައްކާތެރި ބަލާ އާފާތުގެ ސަބަބުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވުނު ނަމަވެސް މާލޭގެ ވެސް ބޮޑެތި މިސްކިތްތަކުގައި ވަނީ އީދު ނަމާދު ޖަމާއަތުގައި ކޮށްފައެވެ. އީދު ހުތުބާގައި ވަނީ އިސްލާމްދީނަކީ ގައުމުގެ މިނިވަންކަމާއި ވަހުދަތުގެ ބިންގާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ އަގީދާ ހަރުދަނާކޮށް ވަކިވަކިވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުންވަންޖެހެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ އަހުވަންތަ ބަޔަކަށް ވާންޖެހެއެވެ. އަދި ގައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި އެންމެހާ ރައްޔިތުންގެ އަޒުމް އާ ކުރުމަށް މި މަގާމުގައި ހުރެ މިއަދު ގޮވާލަމެވެ،" ހުތުބާގައިވެއެވެ.

އީދު ހުތުބާ ނިންމާލަމުން ވަނީ ކޮވިޑްގެ ނުރައްކާތެރިކަމުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް އެދި ދުއާ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސޯދަށް އާރޯކަން ލިބި ރޯދި ބަރަކާތް އިތުރު ކުރެއްވުމަށް ވެސް ވަނީ ދުއާ ކޮށްފައެވެ.

Leave a Reply

Your email address will not be published.