މާދަމާ ކޮންމެވެސް އެއް ނަމާދެއްގެ ޖަމާއަތަށްދާން އިލްތިމާސްކޮށްފި

އިސްލާމީ މަރުކަޒުގައި މީގެކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

މާދަމާ ހުކުރު ނަމާދުގެ ޖަމާއަތާއި އަޟްޙާ އީދު ނަމާދުގެ ޖަމާއަތުން ކުރެ ކޮންމެސް އެއް ޖަމާއަތެއްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ވަނީ އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަށް ބާރު އަޅާފައެވެ.

މީގެއިތުރުން އާ އާއްމު ހާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ޢިލްތިމާސްކޮށްފައިވާ ފަދައިން، އީދު ނަމާދަށްވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ނުދިޔުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް އަންނަ މީހުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރުމަށް މިނިސްޓްރީން ބާރުއަޅައެވެ. އަދި ކޮންމެ މީހަކުވެސް މާސްކް އަޅައިގެން އައުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑު ޖަމާއަތުގައި މީގެކުރިން އީދު ނަމާދު ކުރި ނަމަވެސް މިއަހަރުގެ އަޟްހާ އީދު ނަމާދު ކުރުން އޮތީ މާލޭގެ މިސްކިތްތަކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *