އާންމު ތަންތާނގައި މާސްކް ނާޅާނަމަ 1,000 ރުފިޔާގެ ޖޫރިމަނާއެއް!

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މަގުމަތީގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް ފުލުހުން މޮނީޓާ ކުރަމުން އަންނާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާސްކު އެޅުމާއި ގުޅޭ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް ވެސް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޭޝަނަލް ޓާސްކް ފޯސްއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ނިންމީ އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުވުމަށެވެ. އަދި އެގޮތަށް ނިންމީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 152 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު 71 އަހަރުގެ ދިވެހި އަންހެނަކު ވަނީ މިބަލީގައި މަރުވެސް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *