ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމުގެ ފުރުސަތު ބޮޑު

ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހުން ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައި -- ފޮޓޯ/ އެޗްޕީއޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާ އައުޓު ބްރޭކެއް ރާއްޖެއިންވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކޮރޯނާ ވައިރަސް ރިސްކު އެސެސްމަންޓުން ދައްކައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޮރޯނާ ވައިރަހަށް ރާއްޖެއިން އޮތް ރިސްކު ބެލުމަށްޓަކާއި ރިސްކު އެސަސްމެންޓެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ އެސެސްމެންޓުން ދައްކާ ގޮތުގައި ރާއްޖެއަށް މި ވައިރެސް ފެތުރުމުގެ ރިސްކު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ބުނީކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ނަމަ އެ މީހުން އެކަހެރިކުރާ ދެ ފެސިލިޓީއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެބަލީގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. މި އައިސީޔޫ ގާއިމްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައިވާއިރު އެހެނިހެން ޕޮއިންޓް އޮފް އެންޓްރީތަކުގައި އެ ކެމެރާ ހަރުކުރުމަށް ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފައެވެ. އަދި ރާއްޖެއަށް އެންމެ ގިނަ މީހުން ވަނުމަށް ބޭނުންކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްޔަށް ޝައްކު ކުރެވޭ މީހުން ޓްރާންސްފާ ކުރުމަށް ތައްޔާރީ ހާލަތުގައި އަބަދުވެސް ތިން އެމްބިއުލާންސް އޮންނާނެ ކަމަށެވެ. އެ އެމްބިއުލާންސްތައް ހުންނާނީ ވީއައިއޭ އަދި ހުޅޫމާލެއާ އައިޖީއެމްއެޗުގައެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ އާދީއްތަ ދުވަހު ހާއްސަ ހޮޓްލައިން 7377004 ގާއިމުކޮށްފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި 29 ކޯލަކަށް ޖަވާބުދާރީވެފައިވާކަމަށް ސަރުކާރުން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި މިއަދުގެ ނިޔަލަށް ޗައިނާއިން ވޫހާން ރޯގާގައި 5،974 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ބަލީގައި ބޮޑުވަރުވީ 1،239 މީހުންނެވެ. މަރުވެފައިވަނީ 12 މީހުންނެވެ. ހޮންގްކޮންގް އަދި މަކާއުއިން އަށް ކޭސް، އަދި ޓައިވާނުން ވޫހާން ރޯގާގެ ހަތް ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގެ ހުރިހާ ކްރައިޓީރިއާއަށް ފެތޭ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.