އާއްމު ތަންތަނުގައި މާސްކު އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފި

މާލޭގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން: ފޮޓޯ / ރާއްޖެ އެމްވީ

އާއްމު ތަންތަނުގައި މާސްކު އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނޭޝަނަލް ޓާސްކް ފޯސް އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މާލެ ސަރަހައްދުގައި މިބަލި ފެތުރެމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ލޮކްޑައުން އަށް ލުއިތައް ދީފައިވަނީ އެންމެންގެ ވެސް ސަލާމަތަށްޓަކައި ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގައި މާސްކު އެޅުން މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާއްމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު ރޭ ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ބޭރު ތެރޭގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި، އަދި އެކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ބަލާފައިވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް މައުލޫމާތު ދީގެން ހޭލުންތެރިކުރުވައިގެން މަސައްކަތް ކުރަން ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެ ކަންކަމަށް ތަބާނުވާނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

“މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތު އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންވީމަ އަޅުގަނޑުމެން މާސްކް އެޅުން މަޖުބޫރު ކުރުމާމެދު ވިސްނާނަން. މިހާރު ވެސް މާސްކް އެޅުން މަޖުބޫރު ވެސް ކުރެވިދާނެ އަޅުގަނޑުމެންނަށް. މާސްކް އެޅުން މަޖުބޫރު ކުރުމާއި މާސްކް އެޅުމަށް މިހާރު ނެރެފައި ހުރި އެންގުންތަކާއި މިހާރު ހުރި ގައިޑްލައިންތަކާ އުސޫލެއް ގޮތުން ތަފާަތެއް ނެތް ހަގީގަތުގައި،” މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮންމެ ފަހަރަކު މާސްކް އަޅަންވާނީ ކޭސްތަކުގެ އަދަދު އިތުރުވާ ދުވަހު އެކަނި ނޫން ކަމަށެވެ. 130 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެރުމުން އެއީ ބޮޑު އަދަދެއް ކަމަށް ފެނި އެކަމުގެ ހާސްކަމުގެ ތެރޭގައި ދެ ދުވަހެއް ވަންދެން މާސްކް އަޅާފައި ދެން ހަނދާން ނެތިއްޖެ ކަމަށް ވާނަމަ މިބަލީގެ ނުރައްކަލުން ސަލާމަތެއް ނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *