ލީޑަރު ހުންނަ ތަނަކަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް މުހިއްމު: ނަޝީދު

2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ރިޔާސީ ބަހުސް އަށް ފަހު ރައީސް ނަޝީދު އަދި ރައީސް ޔާމީން--

އިދިކޮޅު ލީޑަރު ހުންނަވާ ތަނަކަށްވުރެ އިދިކޮޅު ލީޑަރު ކަނޑައެޅޭ ގޮތް އެނގިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލާފައި ވަނިކޮށެވެ. އެގޮތުން އިދިކޮޅުން ވެސް ވަނީ އިދިކޮޅު ކޯލިޝަންވެސް އޮތީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތައްޔާރަށް ކަމަށް ބުނެފައެވެ. އަދި އެ މަޝްވަރާއެއް އޮތީ ޖަލުގައި ނަމަ އެކަމަށްވެސް ތައްޔާރު ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އަދި ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްތިތުންނަށް ސާފުވާން ބޭނުންތެރި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިއްމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވަނީ މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިގެން ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވާ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި މިއީ ސުވާލެއް ވެސް އުފެދެންވީ ކަމެއް ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *