ފުލުސް ލޯންޗުގައި ރޯކޮށްލި މައްސަލާގައި ދެ މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައި--

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރުއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލާގައި ދެ މީހަކަށް ދައުވާ އުފުލާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާނެ ކަމަށެވެ.

އެ ދެ މީހުންނަކީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއާ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމްއެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން އަބްދުއް ލަތީފް އިބްރާހީމް ދިރިއުޅޭ ލ. ގަން، ތުނޑި، ލަވްސައިޑް، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފެނުނު ހާޑް ޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހުތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

މި މައްސަލަ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ލޯންޗްގައި ރޯވި އަލިފާން ފަތިހު 5:00 ހާއިރު ނިއްވައިލެވުނު އިރު ލޯންޗް އޮތީ ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *