މަޝްވަރާ ކުރަންވީ ކޮން ރައީސަކާކަން އޮޅިއްޖެ: އިދިކޮޅު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ސަރުކާރާއި އެކުގައި މަޝްވަރާ ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އޮތީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް މަޝްވަރާ ކުރަންވީ ކޮން ރައީސަކާކަން މިހާރު އޮޅިއްޖެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށާއި އެހެންކަމުން ދިވެހިންގެ މިނިވަންކަން ދެމި އޮންނާނީވެސް ސުލްހައިގެ މަތީގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ގާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް،” ރައީސް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ ގައުމުގެ ކަންކަމާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެކަންކަމާއި ރައީސް ސޯލިހާއި އެކުގައި މަޝްވަރާ ކުރުމަށް އިދިކޮޅުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

“އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ދެން ރައީސް ސޯލިހު ބައެއް ބޭފުޅުން މެދުވެރިކޮށް އެބަހުރި އަޅުގަނޑުމެން މަޝްވަރާއަކަށް ދާންޖެހޭ ކަމަށްވަންޏާ ޖަލަށްށޭ ދާންޖެހޭނީ، އަޅުގަނޑުމެން މިތިބީ ޖަލަށްވެސް ދާން. މާފުށީ ޖަލުގައި މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށްވާނަމަ މާފުށި ޖަލަށްވެސް އަޅުގަނޑުމެން މިތިބީ ދާން. ގައުމަށް މިވާ ކަންތައްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް ދިނުމަށް މި ކޯލިޝަން މިއޮތީ ހަމަ ތައްޔާރަށޭ ހުރިހާ މަޝްވަރާ އަކަށްވެސް ދާން،” ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކާއި އެކު ސަރުކާރުން މަޝްވަރާކުރުމާއި މެދު ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވާ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާކުރަން ފުރުސަތު އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވުމުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައަށް ރައްދު ދެއްވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް، އިދިކޮޅުން ކަމަކާގުޅޭ ގޮތުން މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރާނީ ކޮން ރައީސަކާކަން ވެސް އެނގެންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އިދިކޮޅާ ކަމަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރަނީ ކޮން ރައީސްއެއް ކަން ވެސް އެނގެން އެބަޖެހޭ، ތިތަނުން އެގަހުކޭލެއް މިގަހު ކޭލެއް ނޭނގޭ، ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ،" ޝުޖާއު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *