ފްރަންޓުލައިން އެލަވަންސް ދޭން ފަށައިފި، 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފި

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ކޮވިޑް19 އާއި ގުޅިގެން ފްރަންޓުލައިންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ފްރަންޓުލައިން އެލެވަންސް މިއަދު ދޭން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް މިއަދު ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. މިއީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ 2020 މާރިޗް 7ން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށް ފިނޭންސުން ބުންޏެވެ.

އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ފިނޭންސުން ބުންޏެވެ. އެ މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މިދިޔަ މޭ މަހުގެ ހަތްވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *