ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސް ނާޅާ ކަމަށް ބުނި ވާހަކަ ދޮގުކޮށްފި

ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / އަވަސް

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސް ނާޅާ ކަމަށް ކަރެކްޝަންސް އިން ބުނި ވާހަކަ ރައީސް ޔާމީންގެ ވަކީލުން ދޮގުކުރައްވައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލު ބައްދަލުވުމާ ގުޅޭގޮތުން، އެ ސާވިސް އިން އިސްވެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް 14 ޖުލައިގައި ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް އެ ސާވިސް އަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އާންމުކޮށް އިއުލާނުކޮށްފައިވާކަން ވެސް ކަރެކްޝަންސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ކަރެކްޝަންސް އިން ބުނީ ކޮވިޑް19 ހާލަތާ ގުޅުވައި، ގާނޫނީ ވަކީލުންނާއި އެހެނިހެން ބައްދަލުވުންތަކަށް އެދި މި ސާވިސްއަށް އީމެއިލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންް އެ ބައްދަލުވުމެއް އިންތިޒާމުކޮށްދެވޭނެ ކަމަށެވެ.

ކަރެކްޝަނުގެ ވާހަކަތައް ދޮގުކޮށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ހުރި ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީނާ ބައްދަލު ކުރުމަށް ފޯމު ހުށަހެޅުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ދިއުމުން ވެސް މާލޭ ޖަލުން މައުލޫމާތު ދީފައިވަނީ ރައީސް ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.

ކޮވިޑު-19 އާ ގުޅިގެން ސީދާކޮށް ގާތުން ބައްދަލުކުރުމުގެ އެއްވެސް އުސޫލެއް އަދި އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށްވެސް ބުނެފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެއެވެ. އަދި، އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިފިނަމަ ސީދާކޮށް ގާތުން ބައްދަލު ކުރެވޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނަށް ރައްދު ދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބަޔާން ނެރެ ކަރެކްޝަނަލް ސަރވިސްގެ ރަސްމީ ޓްވިޓަރ ހެލްޑްލް އިން ޓްވީޓް ކޮށްފައި ވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތީ ބަރަކާތްތެރި ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާގުޅޭ ދިގު ބަންދެއް ކަމަށްވާއިރު ރަސްމީ ގަޑި ނިމުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ނޫސް ބަޔާން ނެރުއްވުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނުރަގަނޅު ނިޔަތް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުން ވަކި ޖަވާބެއް ދޭއިރު ހަމަ އެ ޖަވާބާ ކަނޑައެޅިގެން ފުށޫއަރާ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުޅިން އެހެން ވާހަކަތަކެއް ދައްކާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައް ހިންގައި ކޮންޓްރޯލް ކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންތޯ ނުވަތަ އެހެން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *