އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އަމުރުކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން : ފޮޓޯ / ސަން

ރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުން ވަނީ ކޯޓުގެ އަމުރާއި އެކުގައި މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ރޭގެ މުޒާހަރާވެސް ކުރީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުންނެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ޝުއޫރު ފާޅުކުރަމުން ގެންދިޔައެވެ.

ތަފާތު އެކި ފަހަރު މަތިންވެސް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށް އެއްވުމަށް މުޒާހަރައިގެ ބައިވެރިން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދިނެވެ. އެ ސަރަހައްދުން މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

ރޭގެ މުޒާހަރާވެސް ލީޑުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަނުގެ މިހާރުގެ މަޖިލިސް މެންބަރުންނާއި ކުރީގެ މެންބަރުން ހިމެނެއެވެ. މިރޭގެ އެއްވުމުގައިވެސް އިދިކޮޅު ކޯލިޝަން މިހާރު ލީޑު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުޒާހަރައިގެ ބައިވެރިން ރޭ ވެސް އެންމެ ބޮޑަށް ގޮވާލާފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރުގެ އިސްތިއުފާ އަށް ވަނީ ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *