ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އެންމެ މަތީ ގަދަރާއި އިހުތިރާމް ލިބިގެންވާ ބައެއް: ޑރ. މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- އަވަސް

ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އެންމެ މަތީ ގަދަރާއި އިހުތިރާމް ލިބިގެންވާ ބައެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ރޭ އެ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ބުނާ މައްސަލާގައި އެ ކޯލިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އެންމެ މަތީ ގަދަރާއި އިހުތިރާމް ލިބިގެންވާ ބައެއް ކަމަށެވެ. ފުލުހުންނާއި ސިފައިންނަށް ކުރެވޭ ކޮންމެ ފުރައްސާރައަކާ ދެވޭ ކޮންމެ ގެއްލުމަކާއި ކުރެވޭ ކޮންމެ އަނިޔާއަކާ ދެކޮޅު ހައްދަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ފޮޓޯއާ އެކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ އަދިވެސް ރާއްޖެ އުޅެނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިނުގަނެވިގެން ކަމަށެވެ. މިއަދަކީ ވެސް އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެއްކަން ފާހަގަކޮށް ސީޕީ ހަމީދު ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *