ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ- މިހާރު

ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދެ އޮފިސަރެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ފޮޓޯއާ އެކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ އަދިވެސް ރާއްޖެ އުޅެނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިނުގަނެވިގެން ކަމަށެވެ. މިއަދަކީ ވެސް އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެއްކަން ފާހަގަކޮށް ސީޕީ ހަމީދު ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށެވެ.

އެކަމާއި ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ނާތަހުޒީބު އަމަލެއް ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

 

ރޭގެ އެ ހާދިސާ އާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވީ ރޭ އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ގަޑިން 20:22 ހާއިރު އޭނާ ޗާންދަނީ މަގުގެ ދުވާރުމަތީގައި ހުއްޓާ ފުލުހުންގެ އޮފިސަރަކު ވަޑައިގެންނެވި ކަމަށެވެ. އަދި މިރޭ މުޒާހަރާ ނިންމުމަށްފަހު އޮތީ ކުޅު ތެޅުން ކަމަށް ފުލުހުންގެ އެ އޮފިސަރު ޝިޔާމްގާތުގައި ވިދާޅުވި ކަމަށް ޝިޔާމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ދިވެހި ފުލުހުންނަކީ އިދިކޮޅު ކޯލިޝަނުން އިހުތިރާމުކުރާ ބައެއް ކަމަށް އެ އޮފިސަރު ގާތުގައި ވިދާޅުވެފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރު ވެސް ދޭނެ ބައެއް ނޫން ކަމަށް އޮފިސަރަށް ދެންނެވިން ކަމަށެވެ.

“މި ހަޑި މުޑުދާރު އަމަލަކީ އެހެން ބަޔަކު ރާވައިގެން ފުލުހުންނަށްވެސް މައުލޫމާތު ލިބިފައި އޮތް އަމަލެއްކަން ޔަގީންވޭ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެފަރާތް ހައްޔަރުކުރުމަށް ގޮވާލަން،” ޝިޔާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *