ސިޔާސީ ހަރަކާތް ހިންގަންވާނީ ގާނޫނީ ތަރަހައިގެ ތެރެއިން: އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

ސިޔާސީ ހަރަކާތް ހިންގަންވާނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲ ގެ އިރާދަފުޅާ އެކު މި ހާލަތު ބަދަލު ކުރަން އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ކުރިއަށް ގެންދާ އިރު ވެސް ގާނޫނާއި ގަވައިދަށް ބޯލަނބައި ގާނޫނުގެ ތެރެއިން އެކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިފަހަކަށް އައިސް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ރޭވެސް އަދި ރޭ ވެސް އިދިކޮޅުން ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައެވެ. ފުލުހުންވެސް ވަނީ މަގުމަތީގެ ހަރަކާތްތައް ކުރިޔަށް ގެންދާއިރު ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮވިޑް19 ގެ ހާލަތުން އަދިވެސް އަރައިނުގަނެވިގެން އުޅޭއިރު ގައިދުރު ކުރުމާއި މާސްކު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ރޭގެ މުޒާހަރާގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ޕީޕީއެމް އިން ވަނީ އެކަން ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުން ނޫން ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *