ހައްޕުނޑު ޖެހީ އަޅުގަނޑުމެންނެއް ނޫން، ބަޔަކު ރާވައިގެން: ޝިޔާމް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ / ހަތާވީސް

މިރޭ މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި ބަޔަކު ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ބުނާ ވާހަކަ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދޮގު ކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ގަޑިން 20:22 ހާއިރު އޭނާ ޗާންދަނީ މަގުގެ ދުވާރުމަތީގައި ހުއްޓާ ފުލުހުންގެ އޮފިސަރަކު ވަޑައިގެންނެވި ކަމަށެވެ. އަދި މިރޭ މުޒާހަރާ ނިންމުމަށްފަހު އޮތީ ކުޅު ތެޅުން ކަމަށް ފުލުހުންގެ އެ އޮފިސަރު ޝިޔާމްގާތުގައި ވިދާޅުވި ކަމަށް ޝިޔާމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ދިވެހި ފުލުހުންނަކީ އިދިކޮޅު ކޯލިޝަނުން އިހުތިރާމުކުރާ ބައެއް ކަމަށް އެ އޮފިސަރު ގާތުގައި ވިދާޅުވެފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރު ވެސް ދޭނެ ބައެއް ނޫން ކަމަށް އޮފިސަރަށް ދެންނެވިން ކަމަށެވެ.

"މި ހަޑި މުޑުދާރު އަމަލަކީ އެހެން ބަޔަކު ރާވައިގެން ފުލުހުންނަށްވެސް މައުލޫމާތު ލިބިފައި އޮތް އަމަލެއްކަން ޔަގީންވޭ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެފަރާތް ހައްޔަރުކުރުމަށް ގޮވާލަން،" ޝިޔާމް ވިދާޅުވިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ފުލުހުންގެ ދެ އޮފިސަރެއް ގަޔަށް މުޒާހަރާގެ ބައިވެރިން ހައްޕުނޑު ޖަހާފައިވާ ކަމަށެވެ. ވިދާޅުވީ އަދިވެސް ރާއްޖެ އުޅެނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިނުގަނެވިގެން ކަމަށެވެ. މިއަދަކީ ވެސް އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެއްކަން ފާހަގަކޮށް ސީޕީ ހަމީދު ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *