އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން : ފޮޓޯ / ސަން

މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިރޭގެ މުޒާހަރާވެސް ކުރީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުންނެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ޝުއޫރު ފާޅުކުރަމުން ގެންދިޔައެވެ.

ތަފާތު އެކި ފަހަރު މަތިންވެސް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށް އެއްވުމަށް މުޒާހަރައިގެ ބައިވެރިން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދިނެވެ. އެ ސަރަހައްދުން މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިކަން ދައްކެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

މިރޭގެ މުޒާހަރާވެސް ލީޑުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަނުގެ މިހާރުގެ މަޖިލިސް މެންބަރުންނާއި ކުރީގެ މެންބަރުން ހިމެނެއެވެ. މިރޭގެ އެއްވުމުގައިވެސް އިދިކޮޅު ކޯލިޝަން މިހާރު ލީޑު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުޒާހަރައިގެ ބައިވެރިން މިރޭ ވެސް އެންމެ ބޮޑަށް ގޮވާލާފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރުގެ އިސްތިއުފާ އަށް ވަނީ ގޮވާލައިފައެވެ.

އިދިކޮޅުން މި މުޒާހަރާ ކުރިއިރު މަގުމަތީގެ ހަރަކާތަށް ނިކުންނައިރު ސިއްހީ އިރުޝާދުތަކަށް ބޯލަނބަން ފުލުހުން ވަނީ މިރޭ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *