މަގުމަތީގެ ހަރަކާތްތަކަށް ނިކުންނައިރު ސިއްހީ ގޮތުން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފި

ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް އިސްވެ އޮވެ، މިނިވަންދުވަހު ކުރި އިހްތިޖާޖުގެ ތެރެއިން-- ފޮޓޯ/ ވަން

މަގުމަތީގެ ހަރަކާތްތަކަށް ނިކުންނައިރު ސިއްހީ ގޮތުން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ވެސް ބެލުމެއް ނެތި، ބައެއް މީހުން މާސްކު ވެސް ނާޅާ އެއްވުންތައް ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިވަގުތަކީ ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ އާއި ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ނިކުމެ އުޅޭއިރު ސިއްހީ ގޮތުން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޤާނޫނީ ތަރަހައިގެ ތެރެއިން، މި ޙާލަތް އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރުމަށް އިލްތިމާސްކޮށް ފުލުހުން ނެރެފައިވާ ބަޔާނުގައި އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިޔާތަކުގެ ފުރާތުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތްވާނޭ ގޮތަށް، އިޖުތިމާއީ ޤައިދުރުކަން ބެހެއްޓުމަށާއި ޚުރިހާ ނޫސްވެރިންވެސް މާސްކް އަޅައިގެން ހަރަކާތްތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް، ޢަބަދުވެސް ފެންނަން ހުންނާނޭ ގޮތަށް އަޅައިގެން ހަރަކާތްތެރިވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދު ތަކުގައި ޕޮލިސް މީޑިޔާގެ ފަރާތުން އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އެއްވެސް އެއްވުމެއް ކަވަރު ކުރުމަށް ނުވަތަ ފުލުހުންގެ އެއްވެސް ހަރަކާތެއް ކަވަރު ކުރުމަށް ދައްޗެއް ކުރިމަތިވެއްޖެ ނަމަ ޕޮލިސް މީޑިއާގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުންނާއި ނުވަތަ ޕޮލިސް މީޑިއާގެ ނަންބަރަށް ގުޅައިގެން ހިއްސާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ވަކިން ހާއްސަކޮށް އެއްވުންތަކުގައި ބައިވެރިވާ މީހުންނާއި އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެންމެހާ ފަރާތްތަކުން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *