9 މަޝްރޫއަކަށް އިންޑިއާ އިން 85 މިލިއަން ރުފިޔާ ދީފި

9 މަޝްރޫއުއަކަށް އިންޑިއާ ސަރުކާރުން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކު ހަވާލު ކުރަނީ: ފޮޓޯ / ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ރަމްޒީކޮށް މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި 85 މިލިއަން ރުފިޔާގެ އެހީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މިއާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ.

މި 9 ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ މަޝްރޫޢާއި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްތައް ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެއްވިފައެވެ.

މި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ހޯރަފުށީގެ މަޖިލިސް މެމްބަރުންނާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އަދި އައްޑޫ ސިޓީ މޭޔަރާއި، ހޯރަފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އޮފިޝަލުން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *