ސަރުކާރަށް ފާޑުކިޔާ ޖަމީލްކުރި ޓްވީޓަކަށް ދާއޫދު ލައިކްކުރި ވާހަކަ ދޮގުކޮށްފި

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދ: ފޮޓޯ / މަޖިލިސް

މި ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު "ލައިލް" ކުރި ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި އިއްޔެ ވިދާޅުވީ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީ ތެރެއަށް އަތް ބާނައިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނާއި އަލުން ގުޅިވަޑައިގެންނެވި ޖަމީލް ވިދާޅުވީ ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލުމަށް ކަމަށެވެ.

“މުޒާހަރާ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ޤައުމް ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް،” ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ދާވޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް އޭނާ ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް އަމަލެއްކޮށްފައިނުވާނެއެވެ. އަޅުގަނޑު ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ހިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރާނަމެވެ." ދާއޫދު ވިދާޅުވިއެވެ.

ދާއޫދު މިހެން ވިދާޅުވިއިރު ބައެއް މީޑިއާތަކުން ވަނީ އޭނާ އެކަން އެގޮތަށް ކުރި ކަމަށްބުނެ ހަބަރު ފަތުރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *