ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް ފަހަތަށް ޖެހުމެއް ނެތް: ޝިޔާމް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޝިޔާމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މިހާރު

އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހަށް ހާޒިރުވާން ކިތަންމެ ގިނަ ޗިޓެއް ފޮނުވިޔަސް ފަހަތަށް ޖެހުމެއް ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާމާއިލް އަދި ކުރީގެ ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް މިއަދު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

ޝިޔާމް ވިދާޅުވީ ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް ފަހަތަށް ޖެހުމެއް ނެތް ކަމަށާއި ވާދަވެރިންގެ އަނގަ ބަންދުކޮށްފައި ސަރުކާރުން އުޅެނީ ގައުމު އަޅުވެތި ކުރަން ކަމަށެވެ. ނަމަވެސް އެ ފުރުސަތު އިދިކޮޅުން ނުދޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް އަދި ނިމާލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައިވާތީ ކަމަށް ބުނެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރުގެ 18ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އޭރު އެކަމާއި ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލި އެއް ބަޔަކީ މިހާރު ސަރުކާރުގެ އިސްވެރިންނަށް ތިއްބެވި ބޭފުޅުންނެވެ. ހުދު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އޭރު އެކަމާއި ދެކޮޅަށް އަޑު އުފުއްލަވާފައެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން ހުށަހެޅި އިސްލާހު ފާސްކުރީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އެކަމާ ކަންބޮޑުވުންފާޅުކޮށް އޭރުގެ އިދިކޮޅު ލީޑު ކުރައްވަމުން ގެންދެވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތުމަށް މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

އޭރު ރައީސް ސޯލިހު ވިދާޅުވީ އެއްވެ އުޅުން ހަނިކުރަން ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގަތުމުގެ ސިލްސިލާ އަށް އިތުރުވި ކަމެއް ކަމަށެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެ އިސްލާހު އުވާލައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އެ އިސްލާހު އުވާލުމަށް އިސްލާހު ހުށަހަޅާފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ އިސްލާހު އޮތީ މަޖިލީހުގައެވެ. ކަން އެހެން އޮވެމް ދާދިފަހުން ހޯމް މިނިސްޓްރީން ވަނީ ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހެންވޭރުގައި އޮންނަ ކާނިވާ ސަރަހައްދަށް އެކަނި ކަމަށް ހޯމް މިނިސްޓްރީން ހަނދާން ކޮށްދީފައެވެ. އެކަމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ވެސް ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އެއްވެ އުޅުމުގެ ހައްގަކީ ހިފެހެއްޓޭނެ ހައްގެއް ނޫން ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *