އަދިވެސް ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލެއް ނުކުރެވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާއި އެމަނިކުފާނާއި ސީދާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ދައުލަތަށް އެންގުމުން ވެސް އެކަން ހަމަޖެހިގެން ނުދާތީއާ އަދިވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ތީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތް ލިބުމާއި، އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ލިބުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ލިއްބައިދޭ ޙައްޤެއް ކަމަށެވެ.  އަދި އެ މާއްދާގެ ދަށުން ލިބިދޭ ޙައްޤުތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް ހިފަހައްޓައިގެން ނުވާނޭ ޙައްޤުތަކެއްކަން ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެގެންދާއިރު، ކޮވިޑް19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންނާ ބައްދަލުކޮށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް ޢަޅުމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އިޢުލާނުކުރި ލޮކްޑައުންގެ ގިނަ އުޞޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއްދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީޢަތްތައް ވެސް ފަށްފައިވާއިރު، އަދި އެގޮތުގެމަތިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގުޅޭ ބައެއް ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީޢަތްތަކުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިއްބައިދޭ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައިވެއެވެ.

ހައިކޯޓުގެ އަޑުއެހުން ނިމުނު ފަހުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 14 ޖޫން 2020 ގެ ތާރީޚުގައި ފޮނުއްވި ސިޓީއެއްގައި 2020 ޖުލައި 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގައި، މައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވާ ގޮތަށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނޭ ކަމަށް ބަޔާންކުރައްވާފައި ސިޓީއާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރުމަށްޓަކައި ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

ޢަދި ބައްދަލުވުމަށް އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެންގެވި އެންގުމާ ގުޅިގެންކަމަށް ބަޔާންކޮށް އަދި ބައްދަލުވުން ހަމަޖެހޭނެ ކަމަށް އަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޮނުވާފައިވާ ސިޓީ ދެއްކުމުން ވެސް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައެއް ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް އަންގަވާފައިވާ ގޮތަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަކީލުން ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ނުދީ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިލައްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރާ ކަމަށެވެ

މީގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކުރައްވައި 12 ޖަނަވަރީ 2020 ގައި ޢަމަލުކުރަން ފަށާފައިވާ، ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ޤައިދީންނާއި ބަންދު މީހުންނާމެދު ޢަމަލު ކުރަންވީ ގޮތުގެ ޢާއްމު އުޞޫލަށް ބަލާއިރު ޚަބަރު ފަތުރާ ވަޞީލަތްތައް ލިބުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ލިބެންޖެހޭކަން އެނގޭއިރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ފުރުޞަތުން މަޙުރޫމު ކުރެވިގެންވާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވީނަމަވެސް މިހާރު އެ ވަޞީލަތް ބޭނުންކުރުމުން ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޙްރޫމްކޮށް، ޚަބަރު ފަތުރާ އެއްވެސް ވަޞީލަތެއް ލިއްބައިނުދީ އެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުންދާ ދިއުން ހުއްޓާލުމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރާ ކަމަށް ބަޔާނުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *