ނުކުތީ ގުދޯގުދޯ ގޮވަމުން، ފޭހުނީ އަމިއްލަ ލޮލަށް!

ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް އިސްވެ އޮވެ، މިނިވަންދުވަހު ކުރި އިހްތިޖާޖުގެ ތެރެއިން-- ފޮޓޯ/ ވަން

މިނިވަން ދުވަހުގެ ރޭ މާލޭގެ މަގުތަކަށް ނުކުމެ، އިދިކޮޅު ފަރާތްތަކުން އަޑުއުފުލީ ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެއެވެ. އަޑުއުފުލަމުން ދިޔައީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެއްޖެ ކަމަށެވެ. ވަޒީފާތައް ވޭރިގެންފި ކަމަށެވެ. އަދުލު އިންސާފު ގެއްލިއްޖެ ކަމަށެވެ. އަނިޔާވެރިވެއްޖެ ކަމަށެވެ. ބޭރު މީހުން މިތަނުގައި ވަޒަންވެރި ކުރަން އުޅޭ ކަމަށް ބުނެ އަޑު ވެސް އުފުލިއެވެ.

އެކަމަކު އެ ގޮވިހާ އެއްޗެއް ރައްދު ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިލިއަނުން، ބިލިއަނުން ގޮސް، ހިޔާލަށް ނުގެނެވޭހާ ބޮޑު ކޮރަޕްޝަން ހިންގީ ކޮން ބައެއް ހެއްޔެވެ؟ އެކަމުގެ މަންފާ ލިބުނީ ކޮން ބަޔަަށް ހެއްޔެވެ؟ ސިޔާސީ ފިކުރު ތަފާތުވި ކޮންމެ މީހަކު ވަޒީފާއިން ވަކިކޮށް މަގުމަތިކޮށް، އާއިލާތައް ނިކަމެތިކޮށްލީ ކޮން ބަޔަކު ހެއްޔެވެ؟ އަމިއްލައަށް ކުރާ ސަދަގާތެއް ކަމަށް ބުނެ، ދައުލަތުގެ މާލިއްޔާއިން ހަރަދު ކުރީ ކޮން ބައެއް ހެއްޔެވެ؟ ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރީ ކޮން ބައެއް ހެއްޔެވެ؟ އަދުލު އިންސާފާއި ހަމަހަމަކަމާއި އިންސާނީ ކަރާމާތް ނަގާލައި، ސިޔާސީ ވާދަވެރިން ޖަލަށްލީ ކާކު ހެއްޔެވެ؟ ރައްޔިތުންނަށް އަނިޔާ ކުރީ ކޮން ބައެއް ހެއްޔެވެ؟ އެ ހުރިހާ ކަމެއް ހިނގައިދިޔައިރު، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން އޮތް މަޖިލީހުގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ މިނިވަން މުއައްސަސާތައް ގަޑުބަޑުކޮށް، ރައްޔިތުން ގޮވި އަޑު ނީވޭ މަންމަން ބަޔަކަށް އެތަންތަން ހެދީ ކޮން ބައެއް ހެއްޔެވެ؟

ތެދެކެވެ. ތިމާގެ ކިބައިގައި ހުރި އުނިސިފައެއްގެ މައްޗަށް ބެލުމެއް ނެތި ހަމައެސިފަހުރި އަނެއް މީހަކާ ދިމާޔަށް އެސިފައާ ބެހޭ ގޮތުން އެއްޗެހި ގޮވީއެވެ. ތިމާގެ ބުރަކަށީ އޮތް ގުދެއް ނުފެންނާނެއެވެ. އަނެކާއަށް ގުދޯގުދޯ ގޮވީއެވެ.

ދެން އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައެވެ. ރައްޔިތުންގެ ހައްގުގައި ނުކުންނަން ވާނީ އެވަރުގެ "ޖޯރު" ހުރި ބައެކެވެ. ހިތްވަރު ހުރި ބައެކެވެ. އެކަމަކު ކަން ހިނގީ އެ މަގުން ހެއްޔެވެ؟ މާޒީ ހެއްކަކަށް ފުދޭނެއެވެ.

ޤާނޫނުއަސާސީން މުތުލަގަށް ދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތީ ކޮން ބައެއް ހެއްޔެވެ؟ ރައްޔިތުން އަޑުއުފުލަން ފެށުމުން، އެ އަޑުއަހަން ނުކެރިގެން ގާނޫނު ބަދަލު ކުރީ ކޮން ބައެއް ހެއްޔެވެ؟ ދެހާސްސޯޅަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު 37 މެމްބަރުންގެ ވޯޓުން މަޖިލީހުން އެ ބިލު ފާސްކުރީ ކޮން ބައެއް ހެއްޔެވެ؟ އެކަން ކުރީ މަގުތަކަށް ގިނަވެގެން އެ އުޅޭ މީހުންނެވެ.

ހާލަތު މިއަދު ބަދަލުވެއްޖެއެވެ. ޖެހި މަޅި އަމިއްލައަށް ކަރަން މެހިއްޖެއެވެ. ފޭހުނު އިލޮށި މިއަދު އެ ވަނީ އަމިއްލަ ލޮލަށް ހެރިފަވެ.

ސުވާލަކީ ކުއްލިއަކަށް މަގުމައްޗަށް ނުކުތީ ކީއްވެގެން ހެއްޔެވެ؟ ކޮރަޕްޝަނާއި ފަސާދަ ހިންގާނަމަ، އެކަން ހުށަހަޅަންވީ ނޫންތޯއެވެ؟ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވަންވީ ނޫންތޯއެވެ؟ މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށްގެން، ފާރަވެރިވުމުގެ ނިޒާމުގެ ބޭނުން ހިފަންވީ ނޫންތޯއެވެ؟

އިދިކޮޅު ފަރާތްތަކުގެ ޒިންމާއަކީ އެއީ ނޫންތޯއެވެ؟ ވާދަވެރި ސިޔާސީ ހަރަކާތް މިއަދަށް ވުރެ ފަހިކޮށް ހިންގޭނެ ޒަމާނެއް ކުރިން ލިބުނު ހެއްޔެވެ؟ މަޝްވަރާއަށް ސަރުކާރުން އެ ވަނީ ގޮވާލާފައެވެ. ރައީސާ ބައްދަލު ކުރަން ދިއުމުން، ގައިމު ވެސް 15 ދުވަހަށް ގޮޅިއަށް ނުލާނެއެވެ. ގުޅުއްވީމަ ފޯނު ނަންގަވާ ކަމަށް ރައީސް އެބަ ވިދާޅުވެއެވެ. ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފަ ކަމަށް އެބަ ބުނެއެވެ. ކަންކަމާ މަޝްވަރާކޮށް، ވާހަކަ ދައްކަން މިހާރުގެ މަޖިލީހުގެ ރައީސަށް ވުރެ ބޮޑަށް އުޅޭ މަޖިލީހުގެ ރައީސެއް އަދި ރިޔާސަތަކަށް ނާރައެވެ.

މުޒާހަރާ ކުރަން ވެސް ވާނެއެވެ. އަޑު ވެސް އުފުލަންވާނެއެވެ. ގޯސްހެދީމަ އެ ވާހަކަ ވެސް ދައްކަން ވެސް ވާނެއެވެ. ނުކުންނަންވާނީ ސަބަބެއް އޮވެގެންނެވެ. ސަބަބެއް ނެތި ވެސް، އަޑު އުފުލިދާނެއެވެ. އެ ވެސް އިހުތިޖާޖުގެ ވައްތަރެކެވެ.

ގޮތެއް ނެތިގެން ހަމަކަނި ކަމަކާ ހިންކާރު ކުރުމަށް ނުކުތީ ފަސްބައިގައި ކިލަނބުކަމެއް ނެތް ތާހިރު ބަޔަކު ނަމަ، ރަނގަޅުވީހެވެ. އެކަމަކު ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ، ސަރުކާރަށް ވަގަށް ގޮވަމުން މަގުތަކަށް ނުކުތީ ރައްޔިތުންގެ އަޑު ކަނޑުވާލަން ނިމިދިޔަ ވެރިކަމުގެ 1825 ދުވަހު މަސައްކަތް ކުރި މީހުންނެވެ. އެ ވެރިކަމުގެ 60 މަސް ދުވަހު ކޮރަޕްޝަނާއި ފަސާދައިގެ ހުޅުގަނޑު ނިމިޔަނުދީ، ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. ތާހިރު ހިތަކާއިގެން، ހިތްނިޔަތް ހާލިސްކޮށްގެން ނުކުންނާށެވެ.

އޭރުން ތި ގުދޯގުދޯ ގޮވާކަން ނުޖެހޭނެއެވެ. ފޭހުނުއިލުށި ލޮލަކަށް ވެސް ނުހެރޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *