މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ވެގެންދާނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ފޮރިން މިނިސްޓްރީ

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއަށް ކަނޑައަޅުއްވަވާފައިވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީއިން ބޭއްވި ރެސެޕްޝަންގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން އިންތިޒާމުވެފައިވާ ގޮތްތަކާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ.

"ކޮވިޑް19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ. އެމައްޓަކައި ތިޔަ ފަރާތްތަކުގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. ފަތުރުވެރިން އަޅުގަނޑުމެންގެ ރިސޯޓްތަކާއި ސަފާރީތަކާއި، ގެސްޓްހައުސްތަކަށް އައުމަށް އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނދުމެން ވާނީ މެހެމާނުންގެ ރައްކާތެރި ކަމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅައި މެހެމާނުންގެ ރައްކާތެރިކަން ޔަގީންކޮށްފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާއިރު ރާއްޖެއާއި އަދި މުޅި ދުނިޔެވެސް މިއަދު އޮތީ ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވި އުނދަގޫ ހާލަތެއްގައި ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ބުރޫއަރައި، އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއް ނަމަވެސް ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި، ގްރޭޓާ މާލޭ އޭރިއާ ލޮކްޑައުން ކުރަން ޖެހުން ފަދަ ނިންމުންތައް ނިންމަން ޖެހުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

‎ކޮވިޑް19 އާއި ކުރިމަތިލައި އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދުރާލާ އަޅަމުން ގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށްފަހު އަލުން އައު އާންމު ހާލަތަށް ގައުމުގެ ކަންކަން ރުޖޫއަވަމުން އަންނަ ކަމަށާއި، އަދި ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ މުޖުމަތައާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށާއި، އަދި ވަކިން ހާއްސަކޮށް ކޮވިޑް19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވަނީ، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަވެސް ވައުދުވެ ވަޑައިގެންނެވި ގޮތަށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ މިންގަނޑުތަކަށް އިހުތިރާމުކުރާ، ހުރިހާ ގައުމަކާއި ވެސް ގުޅިގެން މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *