ޓްރާންސްޕޯޓު އޮތޯރިޓީގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މަޖިލިސް ކޮމެޓީއެއްގައި -- ފޮޓޯ / ވަން

ޓްރާންޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ 10 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ ނޯޓިސް މިދިޔަ އޮކްޓޫބަރު މަހު ދީފައިވާއިރު، އެ ނޯޓިސް ދިނީ ހާޒިރީގެ މައްސަލަ ޖެހިގެންނެވެ.

މި 10 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޓްރާންސްޕޯޓު މިނިސްޓްރީއަށް އެންގީ އިއްޔެ ހެނދުނު އެވެ. އަދި އޭގެ ތެރޭގައި އިސްތިއުފާ ދޭން ބޭނުންވާ މުވައްޒަފުން ތިބި ނަމަ އެކަން މިއަދު ހެނދުނު 10:00 ގެ ކުރިން އެންގުމަށް ސީއެސްސީގެ ސިޓީގައި ޓްރާންސްޕޯޓަށް ވަނީ އަންގާފަ އެވެ.

ނަމަވެސް އެއްވެސް މުވައްޒަފަކު އިސްތިއުފާ ދީފައިނުވާތީ، އެ މުވައްޒަފުން މިއަދު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ 10 މުވައްޒަފަކު ވަޒީފާ އިން ވަކިކުރިއިރު، ރައްޔިތުންނަށް ފެންވަރު ދަށްކޮށް ހިދުމަތްދޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީ ނުވަތަ ޓްރާންސްޕޯޓާއި ގުޅުންހުރި އެހެން އޮފީހެއްގައި ހިދުމަތް ހޯދަން އަންނަ ރައްޔިތުމީހާއާ މެދުގައި ނިކަމެތި ގޮތަކަށް އަމަލުކުރާތަން ފެނުމަކީ ޓްރާންސްޕޯޓު މިނިސްޓަރެއްގެ ހައިސިއްޔަތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެގޮތަށް އަމަލު ކުރެވޭ ނޫނީ ދަށް ފެންވަރުގައި ހިދުމަތްދޭ ކޮންމެ ފަރާތަކާ މެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނަން" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެކަމަނާ އަކީ ވެސް ރައްޔިތުންގެ ހާދިމެއް ކަމަށާއި ހުވައެއް ކުރައްވައިގެން މަގާމާއި ހަވާލުވެގެން ހުންނެވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ ކަމަށެވެ. އެގޮތުން ހިދުމަތުގެ ފެންވަރު ދަށްވެ ނުވަތަ މުވައްޒަފެއްގެ ޕާފޯމެންސް ދަށްވެ ނުވަތަ ވަޒީފާގެ ހާޒިރީ ދަށްވާ ފަރާތްތަކަށް ފިޔަވައި އެހެން ބަޔަކަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.