ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، އިދިކޮޅުން މާލޭގައި މުޒާހަރާކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރި މުޒާހަރާގައި ފުލުހުންގެ ސަފު ފޫއަޅުވާލަނީ-- ފޮޓޯ/ ސަން

ސަރުކާރަށް "ވަގަށް" ގޮވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި މިރޭ ކުރި މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާ އެކު މުޒަހަރާ މިރޭ ފެށީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތިންނެވެ. އެ ސަރަހައްދަށް އެއްވުމާ އެކު، ފުލުހުން ނަސޭހަތްދިނީ އެތަނުން ދުރަށް ދިއުމަށެވެ. ނަމަވެސް ބައެއް މީހުން އެތަނުގައި އިށީންދެގެން ތިބެ، ސަރުކާރުން "ވައްކަން" ކުރަމުންދާ ކަމަށް ބުނެ އަޑު އުފުލިއެވެ.

މުޒަހަރާގެ ބައިވެރިން ފުލުހުންގެ އެންގުންތަކަށް ތަބާނުވެ، ދެ ފަހަރެއްގެ މަތިން ފުލުހުންގެ ސަފުތައް ފޫއަޅުވާލިއެވެ. އެގޮތުން މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތިންނާއި ޖެންޑާ މިނިސްޓްރީ ކުރިމަތިން ވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލިއެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ހަޑިހުތުރުބަހުން ފުލުހުންނާ ވާހަކަ ދައްކައި، ހަމަނުޖެހުން ހިންގާފައެވެ. ނަމަވެސް ފުލުހުން މިރޭ ވަނީ މުޒަހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް ދޫދީފައެވެ.

މުޒާހަރާތަކަށް އާންމުކޮށް ނުފެންނަ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ފެނިގެންދިޔައެވެ. އޭނާއާއެކު ޕީއެސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިދިކޮޅު މަޖިލިސް މެމްބަރުން ވެސް މުޒާހަރާއަށް ނުކުމެވަޑައިގެންނެވިއެވެ.

މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތިން ފެށި މުޒާހަރާ ނިންމާލީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އިދިކޮޅުން މާލޭގައި މުޒަހަރާކޮށްފައި ވަނީ ކޮވިޑް19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތަކާ ހިސާބަށް ދިގު ދަންމާފައިވަނިކޮށެވެ. މުޒަހަރާ ކުރި ފަރާތްތަކުން މާސްކް އަޅައިގެން ތިބި ނަމަވެސް، ގައިދުރުކަމެއް ނުބަހައްޓައެވެ.

ޕީޕީއެމް އާއި ޕީއެންސީން މުޒަހަރާތައް މާލޭގައި ކުރަން ފަށާފައި ވަނީ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަންޖެހޭ ގޮތަށް ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް، ރައީސް ޔާމީން ތަސްދީގުކޮށްފައިވާ އިސްލާހަށް މި ސަރުކާރުން ވެސް އަމަލުކުރަމުން ދަނިކޮށެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު އޭރު ގެނައީ އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ކުރަމުންދިޔަ މުޒާހަރާ ހުއްޓުވުމަށެވެ. ނަމަވެސް އެ ގާނޫނުގެ ދަތި އުނދަގޫ މިހާރު ތަޖުރިބާ ކުރަންޖެހިފައި ވަނީ ޕީޕީއެމް/ޕީއެންސީއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *