އިންޑިއާ މީހުން އާބާދު ކުރާ ވާހަކައިގެ ހަގީގަތް ބަލަން ހުށަހަޅަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހަތާވީސް އޮންލައިން

ރާއްޖޭގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރާ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިވާ ވާހަކައެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރިޕޯޓެއްގައިވާ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ހުށަހަޅާފައި ވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެސިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައި އޮތް ކަމަށް އެ ނޫހުގައިވެއެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރިޕޯޓުގައި ވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އެފަދަ ދޮގު މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ޝާއިއު ކޮށްފައިވަނީ ރާއްޖޭގެ މިނިވަން ދުވަހު ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ އެ ރިޕޯޓުގައިވާ ކަންކަން ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމަށްފަހު ހަގީގަތް ހާމަ ކޮށްދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ދިޔަރެސް ނޫހުގެ އެ ލިޔުން ދޮގުކޮށްފައެވެ. ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް، އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނޯންނާނެ ކަމަށް ހޫދު ވިދާޅުވިއެވެ. އެއީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދެއްގައި ބޭރު ބަޔަކު އާބާދު ކުރަން އުޅޭ ކަމަށް ބުނެ ފެތުރި މި ހަބަރާއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު މިނިވަންކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ބުނެ ޓްވީޓުތައް ކުރަމުންނެވެ.

މީގެކުރިން އިދިކޮޅުގެ އިސް ބޭފުޅުން އެކި ޖަލްސާތަކުގައި އިންޑިއާ އަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާއިރު ޗައިނާ އަށް ވުރެ ބޮޑަށް މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހިކުރާތީ އެކަމާ ވެސް އިދިކޮޅުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *