ރާއްޖޭގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރާ ވާހަކައަކީ ރޯ ބުހުތާނު ދޮގެއް: ހޫދު

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރާ ވާހަކަ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓު ކޮށްފައި އޮތް އޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ދޮގު ކުރައްވައިފިއެވެ.

"ދިޔަރެސް" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ ނޫހަށް ލިބިފައިވާ ކަމަށެވެ. އިންޑިއާ އިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ކަމަށްވެސް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ މަސައްކަތީ މީގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ކުރުމަށް އުޅުނު ކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދައްޕަރުގައި 200 ވިލާ އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާއި ހަވާލުކުރެވުނު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތަރު ކޮޓަރިއާއި، ދެ ކޮޓަރި އަދި އެއް ކޮޓަރީގެ ލަގްޒަރީ ވިލާތެކެއް ކަމަށް ދިޔަރެސް ނޫހުގައިވެއެވެ.

އަދި އޭރު ހެދި އެއްބަސްވުމުގެ ދަށުން ނޫމަޑިން އެތަން މެނޭޖު ކުރިނަމަވެސް، އެ ވިލާތަށް ގަންނަ ފަރާތްތަކަށް އެތަނުގައި ދާއިމަށް އުޅެވޭނެ ކަމަށާއި އަދި އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިންނަށްވެސް އެތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

އެ ރިޕޯޓާއި ގުޅިގެން ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރިޕޯޓުގައިވާ ވާހަކަތަކަކީ "ރޯ ބުހުތާނު" ދޮގު ކަމަށެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށް ހޫދު ވިދާޅުވިއެވެ. އަދި އެއީ ދުވަހު ކުރާނެވެސް ކަމެއް ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *