ޓޫރިޒަމް މިނިސްޓްރީގެ ނާއިބަކަށް ކުރީގެ އަތޮޅު ކައުންސިލަރެއް އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / މިހާރު

ޓޫރިޒަމް މިނިސްޓްރީއަށް ނާއިބަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރައްވާފައިވަނީ ހދ. އަތޮޅުގެ ކުރީގެ ކައުންސިލަރެއް ކަމަށްވާ ހދ.ކުޅުދުއްފުށި، މާވިނަ، އަހުމަދު އާތިފުއެވެ. އޭނާއަކީ އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މީގެކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ކައުންސިލްގެ ނާއިބު ރައީސްކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި އާތިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރަށްވުރެ 60 އިންސައްތަ ސިޔާސީ މަގާމުތައް އިތުރެވެ. އަދި މިއަހަރުގެ ބަޖެޓުން ސިޔާސީ މަގާމުތަކަށް އެކަނިވެސް 331.2 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *