އަޅުވެތިކަމަކީ ދިވެހިން ރުހޭ ކަމެއް ނޫން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

ދިވެހިންނަކީ އަޅުވެތި ކަމަށް ރުހޭ ބައެއް ނޫން ކަމަށް ހޯމްް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި އިމްރާން ދެއްވި މެސެޖުގައި ވިދާޅުވީ މިނިވަން ކަމަކީ މާތްﷲ އިންސާނުންނަށް ދެއްވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި އިންސާނުންގެ އުފާފާގަތި ކަމާއި އަބުރުވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށް ކަމަށެވެ.

ދިވެހިން ތާރީހަށް ބަލާއިރު ގިނަ ޒަމާންތައް ދިވެހިން ހޭދަކޮށްފައިވަނީ މިނިވަންކަން މަތީ ކަމަށާއި ދިވެހިންނަކީ އަޅުވެތި ކަމަށް ރުހޭ ބައެއް ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި މިނިވަން ކަމުގެ އަގު ފުރިހަމަ އަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިޔުމުންކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިއަހަރުގެ މިނިވަން ދުވަސް ދިވެހިންނާ ބައްދަލުކުރީ ގޭ ބަންދާއި، ރަށު ބަންދާއި އެހެނިހެން ވެސް ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިފަދަ ހާލަތުގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ވެސް މިއަދު މިދަނީ ތަހައްމަލު ކުރަމުން. އަޅުގަނޑު އެދެނީ އަޅުވެތިކަމާއި ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޮވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް" އިމްރާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *