އިގްތިސޯދުގައި ދިރުމެއް ނެތް ނަމަ މިނިވަންކަމަށް އަބަދުވެސް ނުރައްކާ ކުރިމަތިވާނެ: ރައީސް

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ގައުމެއްގެ އިގްތިސޯދުގައި ދިރުމެއް ނެތް ކަމަށްވާ ނަމަ އަބަދުވެސް އެގައުމެއްގެ މިނިވަންކަމަށް ނުރައްކާ ކުރިމަތިވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ. ގައުމުގެ އިގްތިސޯދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްގީކުރި ދެ ސިނާއާތެއްގެ މައްޗަށް ކަމަށާއި އެގޮތުން ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްގީކޮށް، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިނާއާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ އިގްތިސޯދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު. އިގްތިސޯދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު. ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޤައުމެއްގެ ހަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަޚުރުވެރި ދުވަހަކީ، އެ ޤައުމެއްގެ މިނިވަން ދުވަސް ކަމަށާއި އަދި އެންމެ ކުލަގަދަކޮށް ފާހަގަކުރާނީ ވެސް މިނިވަން ދުވަސް ކަމަށެވެ. ހުރިހާ ގައުމެއްގައި ވެސް އެކަން ހިނގާ ގޮތަކީ އެއީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *