ގައުމު އާރާސްތު ކުރާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން: ރައީސް

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށާއި އެހެންކަމުން ދިވެހިންގެ މިނިވަންކަން ދެމި އޮންނާނީވެސް ސުލްހައިގެ މަތީގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ގާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށާއި މުޅި ގައުމަށްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ އެންމެ މަތީ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލާ ކަމަށެވެ. ސިޔާސީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *