މިނިވަން ދުވަހު ކުރަން މިޖެހެނީ އަޅުވެތިކަމުގެ އިހުސާސް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ- ޑިފެންސް މިނިސްޓްރީ

މާދަމާ އަކީ ރާއްޖޭގެ 55ވަނަ މިނިވަން ދުވަސް ކަމަށްވާއިރު މިއަހަރުގެ މިނިވަން ދުވަހު ކުރަން މި ޖެހެނީ އަޅުވެތިކަމުގެ އިހުސާސް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިސްތިއުމާރީ ބާރަކުން ގައުމު ހިސޯރު ކުރުމުން ފެންނާނެ ކަންކަން މި ގައުމުން ފެންނަ ކަމަށް ސަރުކާރުން ގަބޫލުކޮށްގެން ހަނު ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމަށެވެ. އަދި އެއީ ގައުމަށް ގައްދާރުވުން ކަމަށް އޭނާ ސިފަ ކުރައްވާ އެމަނިކުފާނު ވަނީ މިނިވަންކަމުގެ ދިފާއުގައި އެންމެ ތެދުވުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ  ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންްތިހާއަށް ބޮޑުވެ، މިހާރު ފެނިގެން ދަނީ އިސްތިއުމާރީ ބޮޑު ބާރަކުން ހިފާފައި އޮތް ގައުމަކުން ވެސް ފެންނާނެ ފަދަ މަންޒަރުތައް ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވާހަކަތައް އިތުރަށް ރައްޔިތުންނަށް ތަފްސީލް ކޮށްދިނުމަށް ވެސް ދާދިފަހުން އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފައެވެ. އެ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ބިދޭސީންގެ އިހުތިޖާޖުތަކަކީ ހަމައެކަނި މުސާރަ ނުދީގެން ކުރާ އިހުތިޖާޖުތަކެއް ނޫން ކަމަށާއި އެ އިހުތިޖާޖުތަކުގެ އަޑީގައި ބަޔަކުވާ ކަމަށެވެ.

އިދިކޮޅުން ވަނީ ބިދޭސީންގެ އިހުތިޖާޖުތަކުގެ އަޑީގައިވާ މީހުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *