ދައުލަތުގެ ފައިސާ އަށް ހިޔާނާތްވުމުން މާލެ އަތޮޅުގެ ދެ ކައުންސިލަރެއް ސަސްޕެންޑުކޮށްފި

ކައުންސިލަރުންނަށް މީގެ ކުރިން ބޭއްވި މަހާސިންތާއެއްގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

މާލެ އަތޮޅުގެ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ވާރިސްއާ އެކައުންސިލްގެ މެންބަރު މާޖިދު ސުލައިމާން ފައިސާ އަށް ހިޔާނާތްތެރިވެފައި ވާތީ ތިން މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަރުމަންތު އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑު ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތް ވެސް ނުލިބޭ ގޮތަކަށެވެ. އަދި އެ ދެ ކައުންސިލަރުން ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ނޫނީ ހޯދުމަށް ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އަދި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ސޮއި ކުރައްވާ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ އިބްރާހީމް ރައޫފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މާލެ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އެ ކައުންސިލްގެ ނާއިބު ރައީސް ވާރިސްއާ އެކައުންސިލްގެ މެންބަރު މާޖިދު ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތް ވެފައިވާ ކަމަށް ސާފުކޮށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ހިޔާނާތް ވެފައިވާ ދެ ކައުންސިލަރުން ކައުންސިލްގައި ތިބުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށް ނުފެންނާތީ އެކައުންސިލަރުންގެ އަމަލަކީ އެލްޖީއޭ އިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ މައްސަލައެއް ކަމަށް ފެންނަ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *