މަރު ކޮމިޝަނުގެ ރިޕޯޓު އާއްމުވުމުން އިންސާފު ހޯދުމަށް ހުރަސް އެޅުނު: ސީޕީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ / ރައީސް އޮފީސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔަ އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު އާއްމުވުމުން އިންސާފު ހޯދުމަށް ހުރަސްތަކެއް އެޅިގެން ދިޔަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓު އާއްމުވުމުން ހުދު އެމަނިކުފާނުގެ ހިތްހަމަ ނުޖެހުން ކަމަށެވެ. ހިތްހަމަ ނުޖެހުނު ސަބަބު ހާމަކުރައްވާ ސީޕީ ވިދާޅުވީ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓު ނުނެރެވި ވަނިކޮށް އޭގެ ބައިބައި އާއްމުންނާއި ހަމައަށް ވާސިލްވުމަކީ ހިތްހަމަނުޖެހުނު ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެން މި ތަހުގީގުތައް ހިންގަން ޖެހޭނީކީ ސެންސޭޝަނަލައިޒް ކުރާކަށް ނޫން. ވަކި ކަހަލަ ފައިދާއެއް ނަގާކަށް ނޫން." ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެންމެ އެދުނު ކަންތައްތައް ވެފައި ހުރީ އެންމެ އެދުނު ގޮތަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އުންމީދު ކުރަނީ އެ ތަހުގީގުތައް ފުރިހަމަ ކުރެވި އަދިވެސް އިންސާފު ހޯދައިދޭން ދައުލަތުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ދީނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ދެ ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *