ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެސްޓީއޯއަށް 400 މިލިއަން ރުފިޔާ

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: އެސްޓީއޯ

ނިމިގެންދިޔަ 2019ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ 4 ކުއާޓާގެ ތަފާސް ހިސާބުތައް އާއްމު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، 2018 ވަނަ އަހާރާއި އަޅައި ބަލާއިރު 2019ވަނަ އަހަރު އެ ކުންފުންޏަށް ގިނަ ފައިދާ ތަކެއް ވެފައިވާ ކަމަށެވެ. އަމްރު ވިދާޅުވީ އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވާ މިންވަރަކީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 63 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސާ އަހުމަދު މިހާދު ވިދާޅުވީ، 2018 އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރަކީ ކުންފުންޏަށް އެންމެ ބޮޑު އެއް ކާމިޔާބީ ލިބުނު އަހަރު ކަމަށެވެ. އެގޮތުން ވިޔަފާރި ކޮށްގެން މިދިޔަ އަހަރު ޕްރޮފިޓު 13 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އަދި އޮޕެރޭޓިން ޕްރޮފިޓް 41 ޕަސެންޓް މިދިޔަ އަހަރު 2018ވަނަ އަހަރަށްވުރެ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި ކޮށްގެން މިދިޔަ އަހަރު އެސްޓިއޯއަށް ވަނީ 153 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އޮޕެރޭޓިން ޕްރޮފިޓެއްގެ ގޮތުގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވި ނަމަވެސް ރާއްޖޭގައި މިދިޔަ އަހަރު ފެށުނުއިރު ޑީސަލް އާއި ޕެޓްރޯލް ދޫކުރަމުން އައި އަގުތައް ވަނީ އަހަރު ނިމުނު އިރު ދަށް ކުރެވިފައިވާ ކަމަށެވެ. މެދުއިރު މަތީގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެސްޓީއޯއިން މަސައްކަތް ކުރީ ރައްޔިތުންނަށް ރަނގަޅު އަގެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.