ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާށޭ!

19ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / މަޖިލިސް

އިންތިހާބުގެ ކެމްޕެއިން ނިމި މަޖިލީހަށް އިންތިހާބުވާ ހިސާބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުކަން ދެއްވާއިރު ހުންނާނީ އެންމެ ސައިކަލެކެވެ. މާލެ ބޭފުޅަކު ނޫނިއްޔާ އަމިއްލަފުޅު ގެއެއް ނުހުންނާނެއެވެ. ގިނަ ބޭފުޅުން ދިރިއުޅުއްވާނީ ކުއްޔަށެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިނިސްޓަރަކަށް އުޅުއްވާ ބޭފުޅާގެ ނަމުގައި ނުވަތަ އާއިލީ ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި އެތައް ފްލެޓުތަކެއް ހުރެއެވެ. މެންބަރުކަމުގެ ދައުރު ހަމަވެގެންދާއިރު ކަންނެލި އޮޑިއެއް ހުޅުމާލެއިން ފްލެޓެއް އެވެނި ރަށެއްގައި ގެސްޓު ހައުސްއެއް މާލޭގެ ނަން މަޝްހޫރު ރެސްޓޯރަންޓެއްގެ ޝެއާ ހޯލްޑަރަކަށް ވެގެންދެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ރައްޔިތުންގެ ބޮލުގައި އެތަކެއް ސުވާލު މާކުތަކެއް އެނބުރެއެވެ. ނަން ކިޔާލުމަށްފަހު ރައްޔިތުން ބައެއް ބޭފުޅުން ކުރިން އުޅުއްވި ގޮތާއި މިހާރު އުޅުއްވާ ޝާހީ ދިރިއުޅުމުގެ ވާހަކަތައް ދައްކާއިރު ވެސް އެ ޝާހީ ދިރިއުޅުން ލިބިގެން ދިޔަ ގޮތް ނުހޯދެނީ ކީއްވެގެން ހެއްޔެވެ.

އެއަށް ކިޔާ އުޅެނީ "ނުހައްގު މުއްސަނދިކަން" ނުވަތަ "އިލިސިޓް އެންރިޗްމަންޓް" އެވެ. މިއީ މިއަދު ރާއްޖެއިން ފެންނަމުންދާ އެހެން ނަމަވެސް ކުށަކަށް ނުވާ ބޮޑު ވައްކަމެވެ. ޒަމާނާ ގުޅޭނެ އެތަކެއް ގާނޫނެއް ރާއްޖޭގެ މާހައުލުގައި އެބަހުއްޓެވެ. އެންމެ އާދައިގެކޮށް ބުނާ ނަމަ ރިހާކުރު ފުޅި ވަގަށް ނަގާ މީހާ އަށް ކަންކުރަންވީ ގޮތާއި ދޭންވީ އަދަބު ގާނޫނުގައި ތިލަކޮށްފައި އެބަހުއްޓެވެ. ނަމަވެސް މި ދަންނަވާ "ނުހައްގު މުއްސަނދި" ކަމުން މުއްސަނދިވާ ބޭބޭފުޅުން ޖަވާބުދާރީ ކުރުވާނެ ގޮތެއް އަޅުގަނޑުމެންގެ ޒަމާނީ ގާނޫނީ ނިޒާމުގެ ތެރޭގައި ނެތެވެ.

އެތައް ބައެއްގެ ހިތުގައި މިކަމާއި ގުޅިގެން ސުވާލު އުފެދެއެވެ. ނުހައްގު މުއްސަނދިކަން ހޯދަނީ ކޮރަޕްޝަނާއި ހިޔާނާތުގެ އެތަކެއް ފައިސާތަކެއް ލިބިގެންނެވެ. ކޮރަޕްޝަނަކީ މިހާރުވެސް ރާއްޖޭގެ ގާނޫނުން މަނާ ކަމެކެވެ. ބޮޑު އަދަބެއް ލިބިގެން އަންނަ ކުށެކެވެ. އެހެންކަމަށްވާއިރު އެ ގާނޫނުގެ ދަށުން ނުހައްގު މުއްސަނދިކަން ހޯދާ މީހާއަށް އަދަބު ނުލިބެނީ ކީއްވެގެން ހެއްޔެވެ.

ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާލަމާ ހިނގާށެވެ. ރާއްޖޭގައި ކޮރަޕްޝަންގެ މޫތައް ހަރުލާފައިވާ މިންވަރަކީ ކަންކަމުގައި ހިޔާނާތް ނުވަތަ ނުހައްގު ގޮތް ގޮތަށް ފައިސާ ލިބިފައިވާ މީހުންގެ މައްސަލަތައް ފުނި ޖެހިފައި ހުރި ނަމަވެސް އަދަބު ލިބިގެން ދަނީ މަދު ބަޔަކަށެވެ. އަދި ދައުލަތަށް ގެއްލިގެން އެ ދިޔަ ފައިސާތައް މިހާތަނަށް ހޯދިފައެއް ވެސް ނުވެއެވެ. އެއީ ހެކި ހޯދުމަށް ދަތިވުމުންނެވެ. ގާނޫނުތައް މިހާރު އޮންނަ ގޮތުން މިހުރިހާ ކަމެއްގެ ބޮޑު ބުރަ އުފުލަން މިޖެހެނީ ދައުލަތަށެވެ. ސަބަބަކީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދިފައި ނެތުމުންނެވެ. އެކަން ކުށަކަށް ހެދިފައި އޮތް ނަމަ ދައުލަތުން އުފުލަންޖެހޭ ބުރަ ޖެހިގެން ދާނީ ދިމާ އިދިކޮޅަށެވެ. އެއީ އެކަމުގެ ބުރަ އުފުލަން ޖެހޭނީ ކަމުގައި ތުހުމަތު ކުރެވޭ މީހާއެވެ. އޭނާ އަށް ލިބިފައިވާ މުދަލާއި މުއްސަނދި ކަމަކީ ހައްގު ގޮތުގައި ލިބިގެންދިޔަ ތަކެތިކަން އޭނާ ޖެހޭނީ ސާބިތު ކޮށްދޭށެވެ.

ނުހައްގު މުއްސަނދި ކަމަކީ އިންޑިއާ، ޕާކިސްތާން އަދި ފްރާންސާއި ގްރީސް، ކޮލަމްބިއާ ފަދަ ގައުމުތަކުގައި ކުށެކެވެ. އަދި މިއީ ރާއްޖެ ބައިވެރިވެފައިވާ، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އދ. ގެ މުއާހަދާގައި ވެސް މެމްބަރު ގައުމުތަކަށް ބާރުއަޅާ ކަމެކެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރެވިފައިވާކަން ވެސް ފާހަގަކޮށްލެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އާ ގާނޫނެއް ހެދުމަށް ބިލެއް އެކުލަވާލިއެވެ. އެ ބިލުގައި ނުހައްގު މުއްސަނދި ކަމުގެ ވާހަކަ ހިމަނާފައި އޮތެވެ. ނަމަވެސް ބިލު ފާސްނުވެ އޮއްވާ 17ވަނަ މަޖިލިސް ނިމިގެން ދިޔައީއެވެ. އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ މަސައްކަތް ކުރިއެވެ. އެގޮތުންއާ ގާނޫނުލް އުގޫބާތު ފާސް ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔައިރު، ނުހައްގު މުއްސަނދި ކަން ކުށެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ހިމަނަން 2014 ގައި އޭސީސީން އެޓާނީ ޖެނެރަލްގެ އޮފީހަށް އިސްލާހު ފޮނުވި އެވެ. އެކަމަކު ގާނޫނުލް އުގޫބާތަށް 2015 ގައި އަމަލު ކުރަން ފެށިއިރު ވެސް އެ އިސްލާހު މަޖިލީހާ ހަމައަކަށް ނާދެއެވެ.

އެންމެ ފަހުން އެކަން ކުރުމަށް މަސައްކަތް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭރު ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތް ނަމަވެސް އެ ބިލު ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބަށް ކުޑަތަންވެސް ވެފައި ވަނިކޮށެވެ. އެ ބިލުގެ މަސައްކަތް ވެސް ނުނިމި އޮވެމެ 18ވަނަ މަޖިލިސްވެސް ނިމުމަކަށް އައީއެވެ.

ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް އައުމުގެ ގޮތުން މޮޅު ވާހަކަތައް ދައްކައެވެ. ކޮރަޕްޝަން ހުއްޓުވުމަށް އެވެނި މިވެނި ކަމެއް ކުރާނެމޭ ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ އެފަދަ އެތަކެއް ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅުންނެވެ. ދެން މިކަން ހައްލުވާނީ ކިހިނެއްތޯއެވެ. ރައްޔިތުންގެ މަޖިލީހާ ދައުލަތުގެ އެހެން މުއައްސަސާތަކުން މިކަމުގައި ވަނީ ވަރަށް ބޮޑަށް ފަހަތު ފަޔަށް ބަރުވެފައެވެ. މިކަން އިސް ނަގައިގެން އެއްވެސް ޕާޓީއަކުން ކުރާ ތަނެއް ނުފެނެއެވެ. ނަމަވެސް ވެރިކަން ނިމެން ކައިރިވުމުން ނުވަތަ ބޮޑު އިންތިހާބެއް ބޯމަތިވުމުން ރައްޔިތުންގެ ލޮލުގައި އަޅުވާލާނެ އަނދުނެއްގެ ގޮތުގައި މިފަދަ ބިލުތައް މަޖިލީހަށް ވަންނަތަން ފެނެއެވެ.

"ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި، ގާނޫނުލްއުގޫބާތުގައި ހިމެނުމަށް، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރުވެސް، އެ ބިލް ފާސްނުވުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުމަށް އަޅުގަނޑު ވަނީ ނިންމާފައި،" މިދިޔަ އަހަރު ފާހަގަރު ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ވެސް ދެއަހަރު ވާން ގާތް ވަނީއެވެ. އަދި އަދަށްވެސް އެފަދަ ބިލެއް ކީއްކުރަންތޯއެވެ. އެފަދަ ވާހަކައެއް މެންބަރުން ނުވެސް ދައްކަވައެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަ އަޑަށް ބާރުލާފައި ދެއްކިއަކަސް ނުވާނެއެވެ. ތިމާމެންނަކީ އެކަން ހަގީގަތުގައި ވެސް ކުރަން ބޭނުންވާ ބަޔަކަށްވާ ނަމަ ރައްޔިތުންނަށް ސުވާލު ނުއުފެދޭ ގޮތަށް ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާށެވެ. ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް މަންފާ ލިބުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީވެސް އެބަޔެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަަޕްޝަނާއި ހިޔާނަތުގެ ވަބާ އާންމުވުމެވެ.

Leave a Reply

Your email address will not be published.