ފަޅުތައް ވިއްކައިގެން ދައުލަތަށް ހަތަރު ބިލިއަން ލިބެންޖެހޭ: ކޮމިޝަން

ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު: ފޮޓޯ / ސަން

މިފަހުން ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް 210 މިލިއަން ޑޮލަރު ނުވަތަ ހަތަރު ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއް ކަހަލަ ގޮތަކަށް ހިނގަމުން ދިޔައީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށެވެ. ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށް އަދި 12 ފަޅު ދޫކޮށްފައިވާއިރު އެ ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި އެރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ ނުއަގުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނާ 3.4 ބިލިއަން ދައުލަތަށް ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގު ކުރާ ކަމަށްވާ ނަމަ ހަތަރު ބިލިއަނަށް އަރާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް. އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމަ އަޅުގަނޑުމެން މި އުޅެނީ 77 މިލިއަން ޑޮލަރެއް ނޫން ނުލިބިގެން، 220 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާ ނުލިބިގެން މި އުޅެނީ. ފަޅުތައް ހިމަނައިފި ނަމަ އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވޭ ގޮތުގައި 4 ބިލިއަންގެ މައްޗަށް އަރައިގެން ދާނެ. 3.4 އަކާ ހަތަރު ބިލިއަނާ ދޭތެރެއިން ލިބެންޖެހޭ އެއްޗަކުން އަޅުގަނޑުމެންނަށް ލިބިގެން މިއުޅެނީ 1.2 ބިލިއަން. ހަތަރުބައިކުޅަ އެއް ބައި ވަރުގެ އަދަދެއް ލިބިގެން މި އުޅެނީ،" އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހިޔާނާތަކީ ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ހުރި އެންމެ ބޮޑު ވަސީލަތް ފަޅުރަށްތައް ބަޔަކަށް ދީގެން ހިންގި ހިޔާނާތެއް ކަމަށެވެ. މި ހިޔާނާތް ހިނގީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ފެއިލްވުމުގެ ސަބަބުން ކަމަށް ވެސް އަސްއަދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *