ހާލަތުން އަރަގަނެ، އިގްތިސޯދު ނެގެހެއްޓުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރަގަނެ، އިގްތިސޯދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިމެދު މަޝްވަރާ ކުރައްވައިފިއެވެ.

"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކް ފޯސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

އެގޮތުން ހުށަހެޅުއްވި ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޮވިޑް19 ގެ ސަބަބުން މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ހިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިގްތިސޯދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް އެ ޕްރެޒެންޓޭޝަންގައި ހިމަނުއްވާފައިވެއެވެ.

އެ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެމްބަރުން ވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން، މި ސިނާޢަތް ތަރައްޤީ ކުރުމުގައި ދަނޑުވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދު ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *