މެންދުރު އޮންލައިން އިން އާޒިމާ އަށް ކުރި ތުހުމަތު އޭނާ ދޮގުކޮށްފި

ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު: ފޮޓޯ / އަވަސް

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން، ރާއްޖޭގައި ހިންގާ ވެބްސައިޓެއް ކަމަށްވާ "މެންދުރު އޮންލައިން" ގައި ޝާއިއުކުރި ވާހަކަތަކަށް މައުލޫމާތު ދިނީ ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝުކޫރު ކަމަށް ބުނެ ކުރި ތުހުމަތުތައް އާޒިމާ ދޮގުކުރައްވައިފިއެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ހުޅުމާލޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅުނެވެ. އަދި އެ މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ. އަދި ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅުނީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި ފުލުހުންނަށް ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދާއި ހަމައަށް ވެސް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ. ދާދިފަހުން ނޫސްވެރިންގެ ބައްދަލުވުމެއް އެކަމާއި ގުޅިގެން ބޭއްވި ނަމަވެސް އެއްވެސް އާ މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ. ނަމަވެސް އެމައްސަލަ އާއި ގުޅޭ ގިނަ މައުލޫމާތުތައް "މެންދުރު އޮންލައިން"ގައި ޝާއިއުކޮށްފައިވެއެވެ. އޭގައި ހުރި ވާހަކަތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށް އަނިޔާ ލިބުނު ބިދޭސީ މީހާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"މެންދުރު އޮންލައިން" އަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ނޫނެވެ. އެ ވެބްސައިޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަފާރީ އެއްގައި އަންހެނަކު ރޭޕް ކޮށްގެން އުޅޭ ކަމަށާއި އަދި މިވާހަކަ މެންދުރު އޮންލައިން އަށް ސީދާ ވިކްޓިމް ގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވަނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ކަމަށެވެ.

ނަމަވެސް ފަހުން ބެލި ބެލުމުން ރޭޕް ކުރުމުގެ އަމަލެއް ސަފާރީގައި ހިނގާފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެކަމާ ގުޅިގެން އާޒިމާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މިފަދަ އެއްވެސް ނޫހަކާއި ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑު ގާނޫނީ ފިޔަވަޅު އަޅާނަން. މެންދުރު އޮންލައިންއަށް އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާއި ވާހަކަ ދެއްކި މީހަކާ ހުންނަން ވާނެ ނޫންތޯ؟،" އާޒިމާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *