ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ ނާތަހުޒީބު އަމަލެއް: ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް-

ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިފަދައިން ވިދާޅުވީ ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި އޮއްވާ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނިކޮށެވެ.

ދީބާޖާއަށް ބަދަލު ދިނުމަށް ނިންމީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް މި ސަރުކާރުން އުއްފާދައިވާ ސެޓްލްމަންޓު ކޮމެޓީ އާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހުއެވެ. އަދި ސެޓްލްމަންޓު ކޮމެޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވީ ދީބާޖާއަށް ފައިސާ ދޫކުރުމަށެވެ. ނަމަވެސް އެފައިސާ އަދި ދުލެއް ނުކުރެއެވެ.

އެކަމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށެވެ. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލު ހުރި މީހަކު ވިޔަސް، ފަނޑިޔާރުންނާއި ކޯޓުތަކުގެ މަސައްކަތާބެހި ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދީބާޖާއަށް ބަދަލު ދިނުމާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓެއްގައި ބުނީ 2010ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އެކުންފުންޏާއި އެކުގައި ހެި އުތުރު ޕްރޮވިންސް ފެރީގެ ދަތުރުފަތުރުގެ ހިދުމަތް އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީން ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ފޯރުކޮށްދެވިފައި ނުވާތީ ކަމަށެވެ. އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީން އެއްބަސްވުން ބާތިލް ކުރީ 2013ވަނަ އަހަރުގެ މެއި މަހުގެ 30ވަނަ ދުވަހުއެވެ.

ފެރީ ދަތުރުފަތުރުތައް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. ދީބާޖާ އަށް ސަރުކާރުން ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރ. ކުޑަކުރަތު ދޫކޮށްފައި ވަނީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުން އެރަށް ސަރުކާރަށް އަނބުރާ ނެގޭނެ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް ދަންނަވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރުއްވި ރިޕޯޓުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *