އެއްމަސް ދުވަހުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުންނަށް ހުއްދަ ދޭން ފާސްކޮށްފި

ވަކީލުންތަކެއް ހުވާ ކުރުމަށް މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ފޮޓޯ / މިހާރު

ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހުށަހެޅުއްވި އެ އިސްލާހު ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 71 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނޫ ފަންނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމު ދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި، އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި، އެކުލަވާލާ ގެޒެޓު ކުރަންވާނެ ކަމަށްވެސް ފާސްކުރި އިސްލާހުގައިވެއެވެ. އަދި އެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ
ތާރީހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، ތަމްރީނު ޕްރޮގްރާމު ފަށަން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ތަމްރީނު ފުރުހަމަ ކުރާ ވަކީލުން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރަން ވާނެ ކަމަށްވެސް ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައިވެއެވެ. އެ އިންތިޒާމު ހަމަޖައްސަން ވާނީ ބާ ކައުންސިލުން ކަމަށްވެސް ރިޕޯޓުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *